ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ފައިނަލުގައި ފޮއެމައްޗާއި އައުޓްރީފްގެ ކުރިމަތިލުމެއް

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ފައިނަލަށް، ފޮއެމަތި ސްޕޯޓްސް ކްލަބާއި އައުޓްރީފް ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ.
މިއަހަރުގެ ފައިނަލް މެޗު ވެގެންދާނީ ފޮއެމައްޗާއި އައުޓްރީފް ބައްދަލުކުރާ ދެވަނަ މެޗަށެވެ. މީގެކުރިން، މި ދެ ޓީމު ވަނީ ގުރޫޕު ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. ގުރޫޕު ”ސީ“ ގެ އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ.
ފޮއެމަތި ސްޕޯޓްސް ކްލަބުން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވަނީ ސެމީ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ރަސްހިންނެ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހުއެވެ. ފުރަތަމަ ހާފުގައި، މުހައްމަދު ސާދު ނިޒާރު އާއި އަހުމަދު ބައްސާމް (ބައްކު) ޖެހި ގޯލުން، ފޮއެމަތިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ.
ދެވަނަ ހާފު ފެށިގެންވެސް ރަސްހިންނެއިން ވަނީ ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، ފޮއެމަތި ޓީމުގެ ކީޕަރު، މުހައްމަދު ލުފްޝާން (ޕަފް) ވަނީ އިދިކޮޅު ޓީމުގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. ރަސްހިންނެއަށް ގޯލެއް ނުޖެހެނީސް، ފޮއެމަތިގެ މުހައްމަދު ރަޒާން (ރާއްކޮ) ވަނީ ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ރަސްހިންނެގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފޮއެމަތިގެ ޕަފް އެވެ.

ފައިނަލުގެ ދެވަނަ ޖާގަ އައުޓްރީފުން ހޯދީ، ސެމީގައި 11-0 ގެ ނަތީޖާއަކުން މުންޑޫ ޒުވާނުންގެ ޖަމިއްޔާ ބަލިކުރުމަށްފަހުއެވެ. މެޗުގެ ފުރަތަމަ ހާފުގައި މުންޑޫ ޓީމުން ވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ. އެ ޓީމަށް މައްސަލަތައް ދިމާވީ، އަނިޔާގެ ސަބަބުން ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަދި ކެޕްޓަން އާދަމް ޝަމީމް (އާނާ) ބާލުވަން ޖެހުނު ހިސާބުންނެވެ.
ފުރަތަމަ ހާފުގައި އައުޓްރީފަށް ދެ ގޯލު ޖެހުނުނަމަވެސް، ދެވަނަ ހާފުގައި އެ ޓީމުން ވަނީ އިދިކޮޅު ޓީމު ކުޅުންތެރިން ވަރުބަލިވުމުގެ ފައިދާ އާއި އައުޓްރީފްގެ ވަރުގަދަ ސްކޮޑުގެ ބޭނުން އެންމެ ރަނގަޅަށް ހިފާފައެވެ. އަލީ ޝާމިސް (ތޮއްޕެ) ފަސް ގޯލު ޖަހާފައިވާއިރު، ޠާއިފް ގާސިމް ވަނީ ދެ ގޯލު ޖަހާފައެވެ. މީގެއިތުރުން، އަލީ ޝިޔާހު (ޝިޔާ) އާއި އިސްމާއީލް ވަޖީހު (ވައްޖެ) އަދި އަހުމަދު ވިޖުދާން (ވިޖުއްކޮ) ގޯލު ޖަހާފައިވާއިރު، މުންޑޫ ޓީމުގެ ޔޫސުފް ޚާލިސް އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތޮއްޕެ އެވެ.

މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ ގައެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.