މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

Majileehuge raeesaai uthamma fandiyaaruge musaara 95,000 ah bodukuran rayyithunge majileehun faaskohffi

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ. މި ބަދަލު ގެނައުމަށް ފާސްކުރީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ތަޅުމުގައި ވޯޓަށް އެހުމަށްފަހުގައެވެ.

މަޖިލީހުގެ ރައީސްގެ މުސާރައާއި ވަޒީރުންގެ މަޖިލީހުގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 42 މެންބަރަކު ވަނީ އެ އިސްލާހުތައް ފާސްކުރަން ވޯޓު ދެއްވައިފައެވެ. އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. މީގެ އިތުރުން، އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ނެގި ވަކި ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ ތެރެއިން 40 މެންބަރަކު އެކަން ފާސްކުރަން ވޯޓު ދެއްވިިއިރު، ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާތަނަށް މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. އެހެންނަމަވެސް، މަޖިލީހުގެ ނައިބު ރައީސަށް މަހަކު 91،000 ރުފިޔާ އަދި އާންމު މެންބަރުންނަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. މި ފަރަގު އަންނަނީ މަޖިލީހުގެ ރައީސަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީއާއި، އެހެން މެންބަރުން ކޮމިޓީތަކަށް ހާޒިރުވާ ނިސްބަތަށް ބަލައި 10،000 އާއި 20،000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ލިބޭތީ ކަމަށް ކޮމިޓީން ބަޔާންކޮށްފައިވެއެވެ.

އެ ފަރަގު ކުޑަކުރުމުގެ ގޮތުން މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސެއް އިތުރުކުރުމަށް ކޮމިޓީން ނިންމުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ ޖުމުލަ މުސާރަ ވަނީ 95،125 ރުފިޔާއަށް މަތިވެފައެވެ. އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ މުރާޖައާކޮށް، މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ހަމަޖެއްސުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް ހުށަހެޅުއްވި ހުށަހެޅުމާ އެއްގޮތަށް، އުއްތަމަ ފަނޑިޔާރަށް ޚާއްސަ އެލަވަންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މުސާރަތައް ބޮޑުކުރަން ނިންމުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. ނަމަވެސް، ފަހުގެ ވަގުތެއްގައި ބަހުސްކުރަން އޮތް މައްސަލައަކާ ގުޅޭގޮތުން ދުރާލައި ވާހަކަދެއްކުމަށް ހުށަހަޅާ މައްސަލައަކަށް ކުއްލި މައްސަލަ ނުހެދޭނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެ މައްސަލަ ބޭރުކޮށްލައްވައިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted