އަންނަ އަހަރު އިޖުތިމާއީ ބޯހިޔާވަހިކަމަށް ގެދޮރު އަޅަން 1.42 ބިލިއަންގެ ބަޖެޓެއް

Anna aharu ijuthimaaee boahiyavahikamah gedhoru alhan 1.4 billion ge budget eh

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޕަބްލިކް ސެކްޓަރ އިންވެސްޓުމެންޓު ޕްރޮގުރާމް (ޕީއެސްއައިޕީ) އަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާގެ ތެރެއިން، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.42 ބިލިއަން ރުފިޔާ ޚާއްސަކޮށްފިއެވެ. މިއީ މިއަހަރުގެ ބަޖެޓާއި އަޅާބަލާއިރު 207 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ ބަޖެޓުގައި ގެދޮރާއި ޖަމާއަތުގެ އަސާސީ ވަސީލަތްތައް ގާއިމުކުރުމަށް ޖުމްލަ 1.47 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އޭގެ ތެރެއިން 96 އިންސައްތައަކީ ސީދާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ގެދޮރު ބިނާކުރުމަށް ކަނޑައެޅި ފައިސާއެވެ. މިއީ މުޅި ޕީއެސްއައިޕީ ބަޖެޓުގެ 17 އިންސައްތައަށްވުރެ ބޮޑު ނިސްބަތެކެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް އިޖުތިމާއީ ބޯހިޔާވަހިކަމަށް ހޭދަވާނެ ކަމަށް ލަފާކޮށްފައިވަނީ 444.3 މިލިއަން ރުފިޔާއެވެ. މީގެއިތުރުން، ދައުލަތުގެ ޖުމްލަ ބަޖެޓުން ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ދާއިރާއަށް ޖުމްލަ 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އަސާސީ ވަސީލަތްތައް ގާއިމުކުރުމުގެ ބައިން ފެން އުފައްދާ ޕްލާންޓުތަކާއި ނިޒާމުތަކަށް 41.9 މިލިއަން ރުފިޔާ އަދި އިދާރީ އިމާރާތްތަކާއި ނިޒާމުތަކަށް 5 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ޕީއެސްއައިޕީ ބަޖެޓަކީ ސީދާ ދައުލަތުން ޚަރަދުކުރާ މަޝްރޫއުތަކަށް ވާއިރު، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހުޅުމާލެ އާއި ވިލިނގިލީގައި ތަރައްގީކުރާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުގެ މަޝްރޫއުތަކުގެ އިތުރުން، އަމިއްލަ ފަރުދުންނަށް ގެދޮރު ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން ”ހިޔާވަހި ފައިނޭންސް“ ސްކީމް ތައާރަފުކޮށްފައިވާއިރު، ގެދޮރު ގަތުމަށާއި ބިނާކުރުމަށް ބޭނުންވާ އިކުއިޓީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ފޯރުކޮށްދޭ ހާއްސަ ސްކީމެއްވެސް ވަނީ އިއުލާނުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ކޮންމެ ރައްޔިތަކަށްވެސް އަމިއްލަ މާލީ ހާލަތާ ގުޅޭގޮތުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted