ވަޒީފާގެ ގިނަ ފުރުޞަތު ތަކަކާއެކު، އެމްއެންޔޫ ގަމު ކެމްޕަހުގެ ޖޮބް ފެސްޓިވަލް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމްއެންޔޫ ފަހި ފުރުޞަތު“ ލ. ގަމުގައި ފަށައިފިއެވެ.

ފަހި ފުރުޞަތު ނުވަތަ ”ޖޮބް ފެސްޓިވަލް“ އަކީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ  އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލުމުގެ މަޤްސަދުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މާލޭގެ އިތުރުން، އެމްއެންޔޫ އަތޮޅު ތެރޭގެ ހަތަރު ކެމްޕަހުގައި މި ހަރަކާތް ކުރިޔަށް ގެންދާއިރު، ގަމު ކެމްޕަހުން އިންތިޒާމުކުރާ އިވެންޓު ފަށާފައިވަނީ އާދީއްތަ ދުވަހު ހަވީރުއެވެ. އެމްއެންޔޫ ފަހި ފުރުޞަތު، ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފްލާ ޝަރަފްވެރިކޮށްދެއްވައި، މައުރަޒު ހުޅުވައިދެއްވީ  މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް އަޙްމަދު ފާތިޙް އެވެ.

އާންމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މި މަޢުރަޒުގެ ފުރަތަމަ ދެ ސެޝަނަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ހޯމަ ދުވަހުވެސް މި ހަރަކާތް ކުރިޔަށްދާނެ އެވެ. އެގޮތުން، ހޮނިހިރު ދުވަހުގެ ސެޝަންތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް އިހައްދޫ ސްކޫލް ހޯލުގައެވެ.

މިއަހަރުގެ ޖޮބް ފެސްޓިވަލްގައި ޖުމްލަ 11 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެއީ، ލ.އަތޮޅު ކައުންސިލް، ލ.ގަމު ކައުންސިލް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ލ.ގަމު ރީޖަނަލް ހޮސްޕިޓަލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ދިރާގު، ހޮރައިޒޮން ފިޝަރީސް، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އަދި ސިކްސް ސެންސެސް ލާމު އެވެ.

މުވައްސަސާތަކުގައި ހުރި ފުރުޞަތު ތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން، ގަމު ކެމްޕަހުގައި އޯގަސްޓު މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތުވެސް މި ހަރަކާތްތެރެއިން އާންމުންނަށް ފޯރުކޮށްދޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments