ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ފެންބޮޑުވާނެ ކަމަށް ލަފާކޮށްފި

Kuriyah oiy 4 dhuvahu raajjey ge bodu bayakah vissaarakoh fenboduvaane kamah lafaakohfi

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން، މިއަދުން ފެށިގެން މި މަހުގެ 11 ވާ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރު (6 ނޮވެމްބަރުގެ ހެނދުނު 08:00 އިން 7 ނޮވެމްބަރުގެ ހެނދުނު 08:00 އަށް) ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވެ އެވެ.

އަދި އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 104.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ އިރު، ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ހެނދުނު 06:30 އިން 10:30 އަށް ރީނދޫ ސަމާލު ނެރެފަ އެވެ. އަދި މިއަދު ހަވީރު 16:00 އާ ހަމައަށް އެ ސަރަހައްދަށް ވަނީ ހުދު ސަމާލު ވެސް ނެރެފަ އެވެ.

މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ފުރުސަތު އޮތުމުން، އެންމެ ފަހުގެ މޫސުމީ މައުލޫމާތަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted