ޢަބުދު ﷲ ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާއިން ކޯޓަށް

މިމަހުގެ 25 ވަނަ ދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ. ހޯޑެއްދޫ ބަނދަރުމަތީ ހުރި ކެފޭއެއްގެ ކައިރިން ހައްޔަރުކޮށްފައި ހުއްޓައި ނިޔާވި ޢަބުދު ﷲ ރަޝީދުގެ ހަށިގަނޑު އާއިލާއާ ޙަވާލުކުރުމަށް ފުލުހުންގެ މައްޗަށް ޢަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމަށް އެ އާއިލާއިން ނިންމައިފިއެވެ. އަދި މާދަމާ އަޑުއެހުމެއް ތާވަލުކޮށްފައިވާ ކަމަށް އާއިލާއިން ވަނީ މީޑިއާއަށް މަޢުލޫމާތުދީފައެވެ.
މިވަގުތު އޭނާގެ ހަށިގަނޑު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ގަލޮޅު މޯޗަރީގައެވެ. މާލޭގައި ތިބި އޭނާގެ މަންމައާއި އޭނާގެ އަންހެނުން އަދި އާއިލާގެ އެހެން މީހުން އިއްޔެ ވަނީ އެތަނުގެ ދޮރުމަތީގައި ތިބެ ޝަކުވާ އުފުލުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް އާއިލާގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އާއިލާއިން އެދެނީ މައްޔިތާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި، ވީހާވެސް އަވަހަކަށް އެމީހުނާ ޙަވާލުކުރުމަށެވެ. އަދި އޭނާގެ ޖަނާޒާ އަވަސްކުރުމަށެވެ. ނަމަވެސް ފުލުހުން ބޭނުންވަނީ ތަޙުޤީޤުގެ ބޭނުމަށް އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށެވެ.
ޢަބުދު ﷲ ރަޝީދުގެ މަރުގެ މައްސަލަ މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާއި ހޯމް މިނިސްޓަރު އަދި ސީޕީގެ އިތުރުން ހިއުމަންރައިޓް އަދި އިންޓެގްރިޓީ ކޮމިޝަންގެ ވެސް ޚާއްޞަ ސަމާލުކަމަށް އައިސްފައެވެ.
އުމުރުން 43 އަހަރުގެ ޢަބުދު ﷲ ރަޝީދަކީ ހޯޑެއްދޫގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތްކުރަމުން ގެންދިޔަ މީހެކެވެ. އޭނާ ހައްޔަރުކޮށްގެން އަތޮޅުގެ އެހެން ފުލުހުންގެ މަރުކަޒަކަށް ގެންދަން ޢާއްމުންވެސް ތިބި ލޯންޗަކަށް އެރުވި ވަގުތު މެޔަށް ތަދެއް އަރައިގެން އުޅުނުކަމާއި ނަމަވެސް އެއީ ’އެކްޓު ޖައްސަނީ‘ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ލޯންޗުގައި ތިބި ބައެއް މީހުންނާ ޙަަވާލާދީ އާއިލާއިން ބުނެފައިވެއެވެ.

އޭގެ ފަހުން ފިޓް ޖެހި, މަޑަވެލީ ޞިއްޙީ މަރުކަޒަށް ގެންދެވުނުއިރު އޭނާ އޮތީ ނިޔާވެފައެވެ.