ޢީދާ ދިމާކޮށް ސްޓަރ ޖަމިއްޔާއިން ގެނެސްދެނީ ”ތުނޑޫ ޢީދަ ފޯރި 1445“

މިއަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް ލ.ގަމު ތުނޑީ، ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) ޖަމިއްޔާގެ ފަރާތުން ”ތުނޑޫ ޢީދަ ފޯރި 1445“ ގެ ނަމުގައި ޢީދު ހަރަކާތްތައް ތާވަލުކޮށްފިއެވެ.

ޢީދު ދުވަހުގެ ގަސް ރޯކުރުމުގެ ހަރަކާތަކީ ޒަމާނުއްސުރެ ތުނޑީ އަވަށުގައި ހުއްޓުމެއްނެތި ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިއަހަރުގެ ޢީދުގައިވެސް، އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ތާވަލު ކުރެވިފައިވަނީ ގަސް ރޯކުރުމެވެ. ޢީދު ނަމާދަށްފަހު، ޢީދު ސަޔާއި ޢީދު ބެރު ޖެހުން ކުރިޔަށްދާނެއެވެ. އެޔަށްފަހު، ފޯލި ކުޅުމާއި ކުޑަކުދިންގެ ހަވީރެއް ޢީދު ފުރަތަމަ ދުވަހު އޮންނާނެއެވެ.

ޢީދު ދެވަނަ ދުވަހު ބީޗް ފެސްޓިވަލް ބޭއްވުމަށް ވަނީ ތާވަލު ކުރެވިފައެވެ. އެ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ރިވެރީސް ބީޗްގައެވެ. އެ ދުވަހު ހަވީރު އޮންނާނީ ދަފި ނެގުމެވެ.

ސްޓަރ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކުގެ ޝެޑިއުލް

ޢީދު ތިންވަނަ ދުވަހަކީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ދާނެ ދުވަހެކެވެ. އެގޮތުން، ގޯނި ރޭހާއި ބަރޯ ރޭސް ހިމެނޭހެން ތަފާތު ކުޅިވަރުތައް ހެނދުނު ކުރިޔަށް ދާނެއެވެ. އެޔަށްފަހު، ހަވީރު ގަޑީގައި ކަނބަލުންނަށް ޚާއްސަ ކުޅިވަރުތަކާއި ކޯޑި ޖެހުން ކުރިޔަށްދާނެއެވެ. އަދި އެ ރޭގައި، ޢީދު ޝޯއާއެކު ކޯޑި ޝަރީޢަތް ކުރިޔަށްދާނެއެވެ.

ހަތަރުވަނަ ދުވަހުގެ ހެނދުނު އޮންނާނީ ކޯޑި ކެނޑި މީހާ ގައިގައި ކުރެހުމަށްފަހު ނެށުވުމެވެ. އެދުވަހު ހަވީރު އަންހެނުންނާއި ފިރިހެނުންގެ އިނދެ/ނީނދެ ފުޓުބޯޅަ އާއި ވޮލީ މެޗު ކުރިޔަށްދާނެއެވެ. އަދި އެ ރޭގައި އޮންނާނީ ބޮޑުމަސް އެރުވުމާއި ބޭކުޅުމެވެ.

ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން، އެ ދުވަހުވެސް ޢީދުގެ ބައެއް ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ސްޓަރ ޖަމިއްޔާއިން ވަނީ ނިންމާފައެވެ. އެގޮތުން، އެދުވަހު ހަވީރު އަންހެނުންނާއި ފިރިހެނުންގެ ”ވަން ޑޭ ކަޕް“ ކުރިޔަށްދާއިރު، އެރޭގައި ޒުވާނުންގެ ބާބަކިޔު އޮންނާނެއެވެ.

ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް، މިއަހަރުވެސް ގަމުގެ އަވަށްތަކުގައި ތަފާތު ގިނަ ހަރަކާތްތަކާއެކު ޢީދު ފާހަގަކުރާނެއެވެ

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments