އަލުން ޓްވިޓަރއަކުން ނުފެންނާނެ- ޓްރަމްޕް

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލަން މަސްކު ޓްވިޓަރ މިލްކުކުރި ކަމުގައިވިޔަސް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެމިހުންނަވާނީ އެމަނިކުފާނުގެ އަމިއްލަފުޅު މީސް މީޑިއާ މަންސަ ކަމުގައިވާ ’ޓުރުތު‘ ގައިކަން ހާމަކުރައްވައިފިއެވެ.
އިންތިހާއަށް ޓްރަމްޕަށް ތާއީދުކުރާ މަސްކުގެ ބާރުގެ ދަށަށް ޓްވިޓަރ ކުންފުނި އައުމާއެކު ޓްރަމްޕްގެ އެކައުންޓް އަންބުލޮކުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން ގިނަ ބަޔަކު ގެންދަނީ ޓްރަމްޕް އަލުން ޓްވިޓަރ ބޭނުންފުޅުކުރައްވަން ފައްޓަވާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ކަން މިވީ ގިނަ ބަޔަކު ކުރި އިންތިޒާރާ އެއްގޮތަކަށް ނޫނެވެ.
އޭރު ޓްވިޓައިން ޓްރަމްޕް ބްލޮކުކޮށްފައިވަނީ 2021. ޖަނަވަރީ 6 ވަނަ ދުވަހު އެމެރިކާގެ މަޖިލިސް ކުރާ ގެއަށް އެމަނިކުފާނުގެ ސަޕޯޓަރުން ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށްފަހު، ރިޕަބްލިކަން ޕާޓީގެ މައި ހޯލުގައި އެކަމަށް އެމަނިކުފާނު ހިތްވަރުފުޅު ދެއްވި ކަމަށް ކުރެވުނު ތުހުމަތުތަކާއި ކުރެއްވި ބައެއް ޓްވީޓްތަކާ ގުޅިގެންނެވެ.
ޓްވިޓަރ މިލްކުވުމާއެކު މަސްކު ވަނީ ޓްވިޓަރ އިންކްގެ އެންމެ އިސް 3 މަޤާމުގައި ތިއްބެވި ބޭފުޅުން ހިމެނޭހެން ގިނަ އިސް ފަރާތްތައް ކުންފުނިން ވަކިކޮށްފައެވެ.
އިމެއްނެތް މިންވަރަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ލޯބިކުރާ މަސްކުގެ ޓްވިޓަރ އިން، ކުރިން ޓްވިޓަރ އިން ބްލޮކުކޮށްފައިވާ ގިނަ އަދަދެއްގެ އެކައުންޓްތައް،ކުރިއަށްއޮތް ދުވަސްތަކުފައި ދޫކޮށްލާނެކަމަށް ބެލެވެއެވެ. ޓްރަމްޕް ވިދާޅުވަނީ އެމަނިކުފާނު މަސްކާ ވަރަށް ގަޔާވާކަމަށާއި ނަމަވެސް އަމިއްލަފުޅު ’ޓުރުތު‘ ބަލައިލަން މާ ހިތްގައިމުވުގެ އިތުރުން މާ ރަނގަޅަށް މަސައްކަތްވެސް ކުރާކަމަށެވެ.
ނުހަނު ހޫނުވެގެން ދިޔަ ޓްވިޓަރގެ މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލަ ބުރާސްފަތި ދުވަހު މަަސްކު ކާމިޔާބުކުރި ހިސާބުން، ޓްވިޓަރ އިން ބުލޮކުކޮށްފައިވާ އެތައް ބަޔަކާއި ދުނިޔޭގެ ލީޑަރުން އަދި އެމީހުންނަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ އެކައުންޓްތައް އަންބުލޮކްކުރުމަށް ގިނަ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ގޮވައިލަމުންނެވެ.