މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕުގައި ވާދަކުރާ ލަސާ ޓީމަށް ޖާޒީ ހަވާލުކޮށްފި

މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕުގައި ވާދަކުރާ ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) ޓީމަށް ޖާޒީ ހަވާލުކޮށްފި އެވެ.
12 އަހަރުން ދަށުގެ މި މުބާރާތުގައި ވާދަކުރާ އެކަޑަމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފައިވަނީ، ހޯމަ ދުވަހުގެރޭ ލ.ގަމު އިޖުތިމާޢީ މަރުކަޒުގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ، ލ.އަތޮޅުގެ ފުޓުބޯޅަ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ނަޞީރު އެވެ.
މި ރަސްމިއްޔާތުގައި ޖާޒީ ހަވާލުކޮށްދެއްވާފައިވަނީ، ލަސާގެ ސްޕޯންސަރުންގެ ފަރާތުންނެވެ. އެގޮތުން، މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން އެކި ގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކަކީ، ގަމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، ޔޫސުފް ނަޝީދާއި ”ޒެޑްވައި އެންޑް އައިޒެޑް އިންވެސްޓްމަންޓް“، ރަސްހިންނެ ސްޕޯޓްސް ކްލަބް، އެންފަލް މާޓް، ޝަބްނަމީ ހޯލްޑިންގްސް، ލާމު އެމްވީ، ޕެޓްސްމާޓް، ދިޒީ އަދި އާމިރު އަލީ އެވެ. ޓީމު ޖާޒީ ހަދިޔާ ކުރައްވާފައިވަނީ ”ޒެޑްވައި އެންޑް އައިޒެޑް އިންވެސްޓްމަންޓް“ އިންނެވެ. އަދި ޓްރެވެލް ކިޓް ހަދިޔާ ކުރައްވާފައިވަނީ ގަމު ދާއިރާގެ މެމްބަރާއި ދިޒީގެ ފަރާތުންނެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. ޓީމު މާލެ ދިޔުމަށް ހަމަޖެހިފައިވަނީ ތިން ވަނަ ދުވަހު އެވެ.
މިއީ މި އެކަޑަމީ އިން މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕުގައި ވާދަކުރާ ދެވަނަ ފަހަރެވެ. ލ.އަތޮޅުގެ މި ޓީމުން ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕްކަން ހޯދާފަ އެވެ.