”އުރީދޫ ފަން ރަން“ އާ ގުޅިގެން ގަމުގެ ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތައް އާއްމުކޮށްފި

ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ”އުރީދޫ ފަން ރަން“ އާ ގުޅިގެން، ލ.ގަމުގެ ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތައް އާއްމުކޮށްފި އެވެ.

”އުރީދޫ ފަން ރަން“ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު އެވެ. މިއާއެކު، ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނެވޭނީ ހުކުރު ދުވަހުގެ 15:00 އިން ފެށިގެން 18:30 އާ ހަމަޔަށެވެ.

ޓްރެފިކް ފްލޯއަށް ގިނަ ބަދަލުތަކެއް ގެނެސްފައިވަނީ، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ރައްކާތެރިކަމަށެވެ. އެގޮތުން، މަތިމަރަދޫ ސިނާޢީ މަގުގެ ހޮސްޕިޓަލް ބުރު ކައިރިން އުތުރުން ދެކުނަށް ގޮސް ޣާޒީ މަގާ (ލެޒިޒް ހުންނަ މަގު) ގުޅޭ ހިސާބުން ފެށިގެން ބަންދު ކުރާނެއެވެ.

އިވެންޓް ކުރިޔަށްދާ ސަރަހައްދުން، ސިނާޢީ މަގުގެ ދެ ފަޅިވެސް ބަންދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، މުކުރިމަގު ދިލްބަހާރު މަގުން ފެށިގެން، ޣާޒީ މަގާ ގުޅޭ ހިސާބަށް ސިނާޢީ މަގުގެ ދެފަޅި ބަންދު ކުރުމަށް ވަނީ ނިންމާފަ އެވެ. އެހެންކަމުން، މުކުރިމަގު އަދި މަތިމަރަދުއަށް ދަތުރުކުރުމުގައި ކަނބާއައިސާރަނި ހިނގުން (ހޭޅި މަގު) ބޭނުން ކުރުމަށް ވަނީ އަންގާފަ އެވެ.

މި އިވެންޓާ ގުޅިގެން މުކުރިމަގު އަވަށުގެ ބައެއް މަގުތައް ބޭނުންކުރާނެ ގޮތުގެ އިރުޝާދުވެސް ފުލުހުން ވަނީ ދެއްވާފަ އެވެ. އެގޮތުން، މުކުރިމަގު ކެނެރީ މަގު ވަނީ އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރެވިފަ އެވެ. މި މަގުން ވެހިކަލްތައް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އުތުރުން ދެކުނަށެވެ.

 

މާންދޫ، ކައްދޫ އަދި ފޮނަދޫން ގަމަށް އަންނަ ވެހިކަލްތައް، ބެލިސާ މަގުން މުކުރިމަގު އަވަށު ތެރެއަށް ވަނުމަށް ވަނީ އަންގާފަ އެވެ. އަދި ގަމުން މާންދޫ، ކައްދޫ އަދި ފޮނަދުއަށް ދަތުރުކުރާ ވެހިކަލްތައް ފުއްއެޅިމަގުން ސިނާއީ މަގަށް ނިކުތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެއިތުރުން، މުކުރިމަގު ބެލިސާމަގުން ފެށިގެން، ދިލްބަހާރު މަގާ ހަމައަށް ކަނޑައަޅާފައިވަނީ ސައިކަލް ޕާކިންގ ޒޯނެއްގެ ގޮތުގަ އެވެ.

”އުރީދޫ ފަން ރަން“ އަކީ ފަހުގެ ތާރީޚެއްގައި ލ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި އިވެންޓަށް 2000 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓަރ ކޮށްފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments