އިންތިޒާރު ނިމުމަކަށް، ”އުރީދޫ ފަން ރަން“ މާދަމާ ފަށަނީ

ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ، ”އުރީދޫ ފަން ރަން“ މާދަމާ ފަށާނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވާ، އާއްމުންގެ މަގުބޫލުކަން އެންމެ ބޮޑަށް ލިބިފައިވާ މި އިވެންޓް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ލ. ގަމުގަ އެވެ. މިއަހަރުގެ އިވެންޓަށްވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފަ އެވެ. އެގޮތުން، ޖުމްލަ 2000 އަށްވުރެ ގިނަ މީހުން ވަނީ ”އުރީދޫ ފަން ރަން“ އަށް ރަޖިސްޓަރ ކޮށްފަ އެވެ.
”އުރީދޫ ފަން ރަން“ ފެށުމަށް ހަމަޖެހިފައިވަނީ މުކުރިމަގު ބަނދަރު ސަރަޙައްދުންނެވެ. އެ ސަރަޙައްދަށް ހާޒިރު ވުމަށް ހަމަޖެހިފައިވަނީ 15:30 ގައެވެ. އަދި އިވެންޓް ރަސްމީކޮށް ފަށާނީ 16:00 ގައެވެ.
މި ބޮޑު އިވެންޓަށް ތައްޔާރު ކުރުމުގެ ގޮތުން، އުރީދޫގެ ޓީމާ ގުޅިގެން، ގަމާއި ފޮނަދޫގެ އެކި މުވައްސަސާތަކުގެ އިތުރުން، ކުލަބް ޖަމިއްޔާ ތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން، މިހާރު ކުރިޔަށް ދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ.
މުކުރިމަގު ބަނދަރު ސަރަހައްދުން ފަށައިގެން، އެންމެ ފުރަތަމަ ކިލޯމީޓަރު ނިމުމާއެކު، ފުރަތަމަ އޮބްސްޓެކަލް ސްޓޭޝަން ހުންނާނެ އެވެ. އަދި ދެވަނަ ކިލޯމީޓަރު ނިމުމުން ދެވަނަ އޮބްސްޓެކަލް ސްޓޭޝަނާއި ތިންވަނަ ކިލޯމީޓަރު ނިމުމުން ތިންވަނަ އޮބްސްޓެކަލް ސްޓޭޝަން ހުންނާނެ އެވެ. ހަތަރުވަނަ ކިލޯމީޓަރު ނިމުމާއެކު، ދެން ކުރިޔަށް ދާނީ ކުލަ ސްޓޭޝަން އެވެ.
މުޅި އިވެންޓް ނިމޭނީވެސް މުކުރިމަގު ބަނދަރު ސަރަހައްދުންނެވެ. އެގޮތުން، އެ ސަރަހައްދުގައި މެޑަލް ދިނުމާއި ”ފޯމް ޕާޓީ“ ކުރިޔަށް ދާނެއެވެ.
މިއަހަރުގެ ”އުރީދޫ ފަން ރަން“ ގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވާނީ، ޕީއެސްޖީގެ ލެޖެންޑް، ޖޭޖޭ އޮކޯޗާ އެވެ. އޮކޯޗާ އަށް ވަނީ ލ.އަތޮޅުން ހޫނު މަރުޙަބާއެއް ކިޔާފަ އެވެ.