ލާމަސީލުލާމު ސުކޫލުތަކުގެ ވާހަކަ ދެއްކުމުގެ މުބާރާތުގެ ފަޚުރުވެރި އެއްވަނަ، ލ.އަތޮޅު ތަޢުލީމީ މަރުކަޒަށް

ހައްދުންމަތީ އަތޮޅު ކައުންސިލުން، ލ.އަތޮޅުގެ ސުކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ލާމަސީލުލާމު ސުކޫލުތަކުގެ 2 ވަނަ ވާހަކަ ދެއްކުމުގެ މުބާރާތުގެ ފަޚުރުވެރި އެއްވަނަ، ލ.އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފި އެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ފެށި މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ ވަނަވަނަ އަށް ދިޔަ ސްކޫލްތަކާއި، ވަކިވަކި ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްފަ އެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ، ލ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި ދެވަނަ ސްކޫލަކަށް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ހޮވިފައިވާއިރު، ތިންވަނަ ލިބުނީ އިސްދޫ ސްކޫލަށެވެ. މި ތިން ސްކޫލުގެ އިތުރުން، މުބާރާތުގެ ގަދަ ފަސް ސްކޫލުގެ ތެރޭގައި ހިމެނެނީ މާމެންދޫ ސްކޫލާއި އިހައްދޫ ސްކޫލެވެ.
މިއަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ އުމުރު ފުރާ އަކަށް ބަހާލައިގެނެވެ. އެއީ 14 އަހަރުން ދަށުގެ ބަޔާއި 14 އަހަރުން މަތީ ބައެވެ. 14 އަހަރުން ދަށުގެ ގަދަ ފަސް ސްކޫލުގެ ތެރޭގައި ހިމެނިފައިވަނީ ލ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ޙަމަދު ސްކޫލާއި، އިހައްދޫ ސްކޫލާއި، އިސްދޫ ސްކޫލްގެ އިތުރުން މާމެންދޫ ސްކޫލެވެ. މީގެއިތުރުން، 14 އަހަރުން މަތީގެ ގަދަ ފަސް ސްކޫލުގެ ތެރޭގައިވެސް ހިމެނިފައިވަނީ މި ފަސް ސްކޫލެވެ.
14 އަހަރުން ދަށުގެ އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ލ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. ދެވަނަ މާމެންދޫ ސްކޫލަށް ލިބިފައިވާއިރު، ތިންވަނަ ލިބުނީ ޙަމަދު ސްކޫލަށެވެ. މީގެއިތުރުން، 14 އަހަރުން މަތީގެ އެންމެ މޮޅު ސްކޫލަކަށްވެސް ހޮވިފައިވަނީ ލ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. މި ބައިން ދެވަނަ ޙަމަދު ސްކޫލަށް ލިބިފައިވާއިރު، ތިންވަނަ ލިބުނީ އިސްދޫ ސްކޫލަށެވެ.
މި މުބާރާތަކީ ދަރިވަރުންގެ ކިބައިގައި ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީ ކުރުމަށާއި ލާމު އަތޮޅަށް ނިސްބަތްވާ ވާހަކަ ދެއްކުންތެރިން ބިނާ ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ.