ފީނުމާ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުމެއްވޭބާ؟

 

މިހާރަކަށް އައިސް ފުލުހުން ހިންގާ ބޮޑެތި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ކުރިއާ އަޅާބަލާއިރު ތަަހުޤީޤުގައި ބަލައިހޯދާ ކަންކަމާއި ތަންތަން ވަރަށް ތަފާތެވެ. މިގޮތުން ވޭދުވެ ދިޔަ މަދު އަހަރުތަކުގެ ތެރޭގައި، ކަނޑުމަތީގެ އުޅަނދުތަކުގެ ތެރެއިން ފީނުމާއި ފަރުމަސްވެރިކަމުގައި ބޭނުންކުރާ ޒާތުގެ އާދައިގެ ކުދި އޮޑިފަހަރު މަސްތުވާތަކެތީގެ ހުއްދަނޫން ވިޔަފާރީގެ ތަޙުޤީޤުތަކުގެ ތެރޭގައި ހިމެނިގެންގޮސްފައި ވެއެވެ.

ސުވާލަކީ ލަނޑާ ނުވަތަ އިހީގެ މަސްވެެރިކަން ކުރާ ދޯނި ފަހަރު މަސްތުވާތަކެތީގެ ވިޔަފާރުކުރުމުގެ ތެރޭގައި ޝާމިލު ވޭބާވައެވެ؟ ވާނަމަ، އެފަދަ ދޯނި ފަހަރު ހަރަކާތްތެރިވަނީ މި ވިޔަފާރީގެ ކިހާ ހިސާބެއްގައި ކިހިނެއް ބާވައެވެ؟

މާޒީއަށް އަދި އަދުގެ ޙާލަތަށް ވިސްނާލާއިރު، ޔަޤީނުންވެސް އެނގޭ ކަމަކީ މަސްތުވާތަކެތީގެ ހުއްދަނޫން ވިޔަފާރި ކުރާގޮތް ރާއްޖޭގައިވެސް ’ކުރިއަރައި‘ ބަދަލުވެފައި ވާކަމެވެ. މިކަމުގެ ދަލީލަކީ، އީރާން އަދި އެހެނިހެން ޤައުމުތަކަށް ނިސްބަތްވާ މި ވިޔަފާރި ކުރާ ކުދި މަސް ބޯޓުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހިފަހައްޓާފައިވުމެވެ.

2019 ވަނަ އަހަރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް ކަނޑުމަތިން އަތުލައިގަނެފައިވާ އުޅަނދެެއް. ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގެ ކަނޑު ބޭރުން އެތެރެކުރެވޭ މަސްތުވާ ހުއްދަ ނޫން ތަކެތި ފަޅުފަޅާއި ތިލަ އަދި ގިރިތަކުގައި ނަގިލިލައި ހައްޔަރުކޮށްފައި ހުއްޓައި ހޯދާފައި ވެއެވެ. ބައެއް ފަހަރު, މަސްވެރިންނާއި އޮޑިދޯނި ދުއްވާ ފަރާތްތަކުން އަދި ޢާއްމު ރައްޔިތުން, ކަނޑުމަތިން ނުވަތަ ރަށްރަށުގެ ގޮނޑުދޮށުން އެފަދަ މަސްތުވާތަކެތި ލާފައިވާ ނަގިލިން ނައްޓާލާފައި ވަނިކޮށް ނުވަތަ އޮޔާދަނިކޮށް ނުވަތަ ރަށްރަށުގެ ގޮނޑުދޮށުން ހޮވައި ކަމާބެހޭ ފަރާތްތަކާ ޙަވާލުކޮށްފައި ވެއެވެ.

2018 ވަނަ އަހަރު ޖޫންމަހު ރާއްޖޭގެ ރަށަކަށް ލައްގާފައި ހުރި މަސްތުވާތަކެތި. ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

އެހެންކަމުން، ކުރިން މިދެންނެވި ފަދަ ބައެއް ދޯނިތައް، އަދި އެފަދަ ދޯނިތަކުގައި އުޅޭ ބައެއް ދިވެހީން، ރާއްޖޭގެ ބޯޑަރާ ހަމައަށް މަސްތުވާތަކެތި ގެނެސްދޭ މައި ބޯޓުފަހަރާ މާކަނޑުން ގާތްކޮށް އެތަކެތި ރަށްރަށަށް ނުވަތަ ފަޅުތަކާއި ފަޅުރައްތަކާއި ހަމައަށް ރައްކާކުރުމަށް އުފުލައި އުޅޭ ކަމަށް ބައެއް މީހުން ބުނެއުޅެއެވެ. އަދި ބަލްކު ބުރޭކުކުރުމުގައި (ގެންނަ ބޮޑު ޝިޕްމަންޓް ބައިބަޔަށް އަޅައި) މިވިޔަފާރީގެ ޗޭނުގެ ތެރޭގައި ހިމެނޭ ދޭސީ ސަޕްލަޔަރުންނާ ހަމައަށް ފޯރުކޮށްދޭ ކަމަށް ބެލެވެއެވެ.

ކޮންމެއަކަސް، މިފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ، އެފަދަ ކަންކަން ނުކުރާ ފަރާތްތަކުގެ ބޮލުގައި ވެސް މި ބަދުނާމު އެޅެއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. އަދި އެންމެ ދެރަ ކަމަކީ މި ކުޑަކުޑަ ދިވެހިރާއްޖެ މަސްތުވާތަކެތީގެ ބައިނަލްޤްވާމީ ސަޕްލައި ޗޭނުގެ ތެރޭގައި ދުނިޔޭގެ ފެންވަރުން ފާހަގަކޮށްލެވި މުޖުތަމަޢު ހަލާކުވެގެން ދާކަމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments