ސޮލާހު ސްޕޯޓްސް އެކަޑަމީ އަތުން މަތިމަރަދުއަށް ބޮޑު މޮޅެއް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، ސޮލާހު ސްޕޯޓްސް އެކަޑަމީ އަތުން މަތިމަރަދޫން ބޮޑު މޮޅެއް ހޯދައިފި އެވެ.

މަތިމަރަދޫ ޓީމަކީ މިދިޔަ އަހަރު ގަމު ކައުންސިލުން ބޭއްވި ފުޓުބޯޅަ މުބާރާތުގެ ރަނަރަޕް ޓީމެވެ. އަދި ސޮލާހު ސްޕޯޓްސް އެކަޑަމީ އަކީ މިއަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމެވެ. އެގޮތުން، އެ ޓީމުގައި ހިމެނެނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

މަތިމަރަދޫ ޓީމުން ވަނީ މެޗުގެ ފެށުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، މެޗު ފެށިގެން ތިން މިނެޓު ތެރޭގައި އެ ޓީމުގައި ހިމެނޭ ޤައުމީ ޓީމު ކުޅުންތެރިޔާ، ނާއިޒް ހަސަން (ދާދު) ވަނީ ލަނޑެއް ޖަހާފަ އެވެ.

ސޮލާހު ސްޕޯޓްސް އެކަޑަމީ ޓީމަށް އިތުރު މައްސަލަތައް ދިމާވީ، ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި، އެ ޓީމުގެ އަނާން އިބްރާހިމް އަށް ރަތް ކާޑު ދެއްކުމުންނެވެ. އަނާން އަށް ރަތް ކާޑު ދައްކާފައިވަނީ، އާދަމް ޝަމީމް (އެޑަމް) އަށް ކުރި ނުރައްކާ ފައުލަކާ ގުޅިގެނެވެ. އިތުރު ފަރުވާ ހޯދުމަށް އެޑަމް ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ސޮލާހު ސްޕޯޓްސް އެކަޑަމީ ޓީމުން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ.

މަތިމަރަދޫ ޓީމުން ކުޅުނީ މުޅި ޓީމު ކުރިޔަށް ޖެހިގެނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ދާދު ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މިއާއެކު، މެޗުގެ އޮއެވަރަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ.

މެޗުގެ 43 ވަނަ މިނެޓުގައި ހަސަން ޒައިދު (ޒޯރޯ) ވަނީ މަތިމަރަދުއަށް ލަނޑު ޖަހައިދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން، އެ ޓީމުގެ މުހައްމަދު ސާބިގް (އުއްކު) ވަނީ އޭރިއާ ބޭރުން ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ. މަތިމަރަދޫން ފުރަތަމަ ހާފު ނިންމާލީ ހަތަރު ލަނޑުގެ ބޮޑު ފަރަގަކާއެކު އެވެ.

ދެވަނަ ހާފު ފެށިގެންވެސް މަތިމަރަދޫން ކުޅުނީ ގިނަ ލަނޑުތަކެއް ޖެހުމަށެވެ. އެގޮތުން، ހާފު ފެށިގެން ދެ މިނެޓު ތެރޭގައި އަލީ ސިސާން ވަނީ މަތިމަރަދޫގެ ފަސްވަނަ ލަނޑު ޖަހާފަ އެވެ.

މެޗުގެ ނަތީޖާ ކަށަވަރުވުމާއެކު، މަތިމަރަދޫން ވަނީ ގާތްގާތުގައި ގިނަ ބަދަލުތަކެއް ކޮށްފަ އެވެ. އެ ޓީމުގެ ހަވަނަ ލަނޑު، މެޗުގެ 76 ވަނަ މިނެޓުގައި ޖެހީ ހުސައިން ރައޫފް (ޖަބުރީ) އެވެ.

މެޗުގެ ފަހުވަގުތާ ހަމަޔަށްވެސް މަތިމަރަދޫން ކުޅުނީ އިތުރު ލަނޑުތަކެއް ޖެހުމަ ށެވެ. އަދި، ސޮލާހު އެކަޑަމީ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، އަހުމަދު މުޖުތަބާ (މުޖު) ވަނީ މަތިމަރަދޫގެ ހަތްވަނަ ލަނޑު ޖަހާފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަބްދުލް ފަރީޝް (ފަރިއްޓެ) ވަނީ މަތިމަރަދުއަށް ލަނޑެއް ޖަހައިދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަތިމަރަދޫގެ އުއްކު އެވެ.

މަތިމަރަދޫ އާއި ސޮލާހު ސްޕޯޓްސް އެކަޑަމީ އާއެކު ގުރޫޕު ”ބީ“ ގައި ދެން އޮތީ ކުނަހަންދޫ އާއި އިސްދު އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments