އިއްބެގެ ދެ ލަނޑާއެކު ފޮނަދޫ ބަލިކޮށް، މުކުރިމަގުން އުއްމީދު އައުކޮށްފި

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، ފޮނަދޫ ބަލިކުރުމަށްފަހު މުކުރިމަގުން ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު އައުކޮށްފި އެވެ.
މުކުރިމަގު ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ދަނބިދޫ ކައިރިން ބަލިވެފަ އެވެ. އަދި ފޮނަދޫ ވަނީ ތުނޑި ކައިރިން ބަލިވެފަ އެވެ. އެހެންކަމުން، މުބާރާތުގައި ކުރިޔަށް ދިއުމަށް، ދެ ޓީމަށްވެސް މި މެޗުން މޮޅުވުން މުހިންމެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން މުކުރިމަގު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން 13 ވަނަ މިނެޓުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ލަނޑެއް ޖަހައި، މުކުރިމަގަށް ކުރިހޯދަދީފަ އެވެ. މިއާއެކު މުކުރިމަގުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓުގައި އިއްބެ ވަނީ އިތުރު ލަނޑެއް ޖަހައި، މުކުރިމަގަށް ލީޑު ފުޅާކޮށްދީފަ އެވެ. މިއީ މި މުބާރާތުގައި އިއްބެ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އޭނާ ވަނީ ފުރަތަމަ މެޗުގައި ދަނބިދޫ ކޮޅަށް ހެޓްރިކް ހަދާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް އިއްބެ އެވެ.
މުބާރާތުގައި ފޮނަދޫ ދެން ކުޅެން ޖެހޭނީ ދަނބިދުއާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އެވެ. އަދި މުކުރިމަގު ނިކުންނާނީ ތުނޑި އާ ދެކޮޅަ ށެވެ.