ކުނަހަންދޫ ކައިރިން އިސްދުއަށް ހަނި މޮޅެއް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، ކުނަހަންދޫ ކައިރިން އިސްދޫން ހަނި މޮޅެއް ހޯދައިފި އެވެ.
މިއީ މިއަހަރުގެ މުބާރާތުގައި މި ދެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ރޭ ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުން އިސްދޫ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން، ދެ ޓީމުގެ ފަރާތުން ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އިސްދޫ ޓީމުގެ މުހައްމަދު ނާއިމް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. މިއާއެކު، އިސްދޫ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން ދެ ޓީމުންވެސް ވަނީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް، އެއްވެސް ޓީމަކަށް މި ހާފުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިސްދޫ ޓީމަށް ލަނޑު ޖަހައިދިން، ނާއިމް އެވެ.
އިސްދޫ ޓީމުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސޮލާހު ސްޕޯޓްސް އެކަޑަމީ އާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.