މާމެންދުއާއި ތުނޑި ބައްދަލުކުރި މެޗު އެއްވަރު

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، މާމެންދުއާއި ތުނޑި ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ތުނޑީ ޓީމުން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ފޮނަދޫ ކައިރިން މޮޅުވެފަ އެވެ. އަދި މާމެންދޫ ވަނީ ދަނބިދޫ ކައިރިން އެއްވަރުވެފަ އެވެ.

އާދީއްތަ ދުވަހު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ލަނޑެއް ޖަހައި، ތުނޑީ ޓީމަށް ކުރިހޯދަދީފަ އެވެ.

 

ތުނޑީ ޓީމުން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ- އަހުމަދު އަރުޝަދު

މެޗުގެ ކުރީކޮޅު ލަނޑެއް ޖެހުމާއެކު، ތުނޑީ ޓީމަށް ވަނީ ބޮޑު ހިތްވަރެއް ލިބިފަ އެވެ. މެޗުގެ 21 ވަނަ މިނެޓުގައި ރިޒޭ ތަނަވަސްކޮށްދިން ފުރުސަތަކުން އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ލަނޑެއް ޖަހައި، ތުނޑީ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.

އައްމަޑޭ ލަނޑު ޖެހިތާ ދެ މިނެޓުގެ ތެރޭގައި މާމެންދޫ ޓީމުގެ އަލީ މީސާގް އީސާ (މީއްޓެ) ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް އުއްމީދު އައުކޮށްދީފަ އެވެ. މިއާއެކު، ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާއަކުން ތުނޑީ ޓީމު ކުރީގައި އޮވެގެނެވެ.

ދެވަނަ ހާފު ފެށިގެން، ދެ ޓީމުންވެސް ކުޅުނީ އިތުރު ލަނޑެއް ޖެހުމަ ށެވެ. އެގޮތުން، މެޗުގެ 60 ވަނަ މިނެޓުގައި ރިޒޭ ވަނީ އިތުރު ލަނޑެއް ޖަހައި، ތުނޑި އަށް ލީޑު ފުޅާކޮށްދީފަ އެވެ.

ދެ ލަނޑުގެ ފަރަގަކާއެކު ބަލިކޮށް އޮތުމާއެކުވެސް، މާމެންދޫ ޓީމުން ވަނީ ހިތްވަރުކޮށްފަ އެވެ. މެޗުގެ 74 ވަނަ މިނެޓުގައި އަހުމަދު އާޒިމް ކާމިޔާބުކުރި ލަނޑާއެކު މާމެންދޫން ވަނީ އަނެއްކާވެސް އުއްމީދު އައުކޮށްފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަބްދުﷲ ޔާމީން (ޔާނު) ވަނީ ލަނޑެއް ޖަހައި، މާމެންދޫ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މާމެންދޫ ޓީމުން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ- އަހުމަދު އަރުޝަދު

ދެ ޓީމުންވެސް ލީޑު ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާމެންދޫ ޓީމުގެ ޔާނު އެވެ.

މި ނަތީޖާއާއެކު، ތުނޑި އޮތީ ގުރޫޕު ”އޭ“ ގެ އެއްވަނައިގަ އެވެ. ތުނޑި އާއި ދަނބިދުއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި މާމެންދުއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments