ފޮނަދޫ ބަލިކޮށް، ދަނބިދޫން ސެމީ ފައިނަލާ ފިޔަވަޅަކަށް ގާތަށް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، ފޮނަދޫ ބަލިކޮށް ދަނބިދޫ ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓުން ސެމީ ފައިނަލާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފި އެވެ.
މުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާއިރު، ދަނބިދުއަކީ ރަނގަޅު ފޯމެއްގައި އޮތް ޓީމެކެވެ. އެގޮތުން، އެ ޓީމުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި މުކުރިމަގު ބަލިކޮށްފަ އެވެ. އަދި ދެވަނަ މެޗުގައި އެ ޓީމުން ވަނީ މާމެންދުއާ އެއްވަރުކޮށްފަ އެވެ. ފޮނަދޫން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފަ އެވެ. އަދި ދަނބިދޫ ކައިރިން ބަލިވުމާއެކު، އެ ޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ.
ހޯމަ ދުވަހު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުން ފޮނަދޫ ކައިރިން ދަނބިދޫ މޮޅުވީ 9-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިފައިވާ 10 ލަނޑުގެ ތެރެއިން ހަތް ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ.
މެޗު ފެށިގެން ދެވަނަ މިނެޓުގައި ދަނބިދޫ ޓީމުގެ ޒުވާން ފޯވާޑް، އަހުމަދު ރުވާއު ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ފޮނަދޫ ޓީމުގެ އަލީ އަބާން އަބްދުއް ރަހީމް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ މި މުބާރާތުގައި ފޮނަދޫ ޓީމުން ޖެހި ފުރަތަމަ ލަނޑެވެ.
ދަނބިދޫން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ދަނބިދުއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން، މޫސާ ހާނިމް އެވެ. އަދި އޭގެ ހަ މިނެޓު ފަހުން ރުވާއު ވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ރުވާއު ވަނީ އިތުރު ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހާނިމް ވެސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. އެއީ މި މުބާރާތުގައި ހާނިމް ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
ހާފު ނިމުމުގެ ކުރިން ރުވާއު ވަނީ އިތުރު ލަނޑެއް ޖަހައި، ދަނބިދުއަށް ބޮޑު ލީޑެއް ހޯދަދީފަ އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ފަސް ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ރުވާއު ވަނީ އޭނާގެ ފަސްވަނަ ލަނޑު ޖަހާފަ އެވެ. އެއީ މި މުބާރާތުގައި ރުވާއު ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ.
ދަނބިދޫ ޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހުމަދު ނަބީލް (ނައްބެ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަނބިދޫ ޓީމުގެ ކެޕްޓަން، މޫސާ ހާނިމް އެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދަނބިދޫ ނިކުންނާނީ ތުނޑި އާ ދެކޮޅަ ށެވެ. ސެމީ ފައިނަލަށް ދިއުމަށް ދަނބިދުއަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.