ތަފާތު ބޮޑު ނަތީޖާއަކުން މާމެންދޫ ބަލިކޮށް، މުކުރިމަގު ސެމީ އަށް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، ތަފާތު ބޮޑު ނަތީޖާއަކުން މާމެންދޫ ބަލިކޮށް، މުކުރިމަގުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ.

މި މެޗުން މޮޅުވެގެން، ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު މާމެންދުއަށްވެސް އޮތެވެ. ނަމަވެސް، މެޗުން ބަލިވުމާއެކު މާމެންދޫ ވަނީ މުބާރާތުން ކަޓާފަ އެވެ. ރޭ މެޗު ކުޅުމަށްފަހު، ރަނގަޅު ރެސްޓެއް ނުލިބި މިއަދު ހަވީރު ކުޅެން ޖެހުމުން، މާމެންދޫ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވިފަ އެވެ.

މުކުރިމަގުން އަމިއްލަ ބާރާއެކު ސެމީ ފައިނަލަށް ދިއުމަށް ގިނަ ލަނޑުތަކެއް ޖަހަން ޖެހެއެވެ. މިއަދު ހަވީރު މާމެންދޫ ކައިރިން 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، މުކުރިމަގުން ވަނީ ދަނބިދުއަށްވުރެ ފައިދާ ގޯލުން ކުރިހޯދާފަ އެވެ. ދަނބިދުއާއި މުކުރިމަގަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ތުނޑިއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އެހެންކަމުން، މިރޭ ތުނޑި އާއި ދަނބިދޫ ބައްދަލުކުރާ މެޗު ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވިޔަސް، މުކުރިމަގު ސެމީ އަށް ދާނެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާމެންދޫން ވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ކުޅެފަ އެވެ. އަދި މުކުރިމަގުން ވަނީ ހައި ޕްރެސިންގ ގޭމެއް ކުޅެފަ އެވެ. ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި މުކުރިމަގު ޓީމުގެ އަހުމަދު ރާހިލް ރަޝީދު ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ.

މާމެންދޫ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަޔަކީ، ހާފު ނިމެން ކައިރިވެފައިވަނިކޮށް އެ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް އަނިޔާވެ، ބަދަލު ކުރަން ޖެހުމެވެ. މިއާއެކު އެ ޓީމުގެ ޑިފެންސް ލައިނަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިބްރާހިމް ޝަރީފް ވަނީ ލަނޑެއް ޖަހައި މުކުރިމަގު ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.

ދެވަނަ ހާފުގައި މުކުރިމަގުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ހާފުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ މުކުރިމަގަށް ދެ ލަނޑު ޖަހައިދީފަ އެވެ.

މެޗުގެ 67 ވަނަ މިނެޓުގައި މުކުރިމަގު ޓީމުގެ ފަސްވަނަ ލަނޑު ޖެހީ އިބްރާހިމް ހާނިފް (ޓާގެޓް) އެވެ. އޭނާ ލަނޑު ޖަހާފައިވަނީ ކުޅެން ނިކުތްތާ ފަސް މިނެޓު ފަހުންނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އަލީ ޝާމިސް (ތޮއްޕެ) ވަނީ ލަނޑެއް ޖަހާފަ އެވެ.

މުކުރިމަގުން ކުޅުނީ ގިނަ ލަނޑުތަކެއް ޖަހައި، ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރުމަ ށެވެ. އެގޮތުން، ޓާގެޓް ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން އިއްބެ ވެސް ވަނީ ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ޓާގެޓް ވަނީ އޭނާގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ. އަދި އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި މުކުރިމަގަށް ސެމީގެ ޖާގަ ޔަގީން ކޮށްދިނީ އިއްބެ އެވެ. އެއީ މިއަހަރުގެ މުބާރާތުގައި އިއްބެ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް އިއްބެ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments