މަތިމަރަދޫ ކަޓުވާލައި، ތުނޑި ފައިނަލަށް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުން މަތިމަރަދޫ ކަޓުވާލައި، ތުނޑި ފައިނަލަށް ދަތުރުކޮށްފި އެވެ.

ތުނޑި ސެމީ ފައިނަލަށް ގޮސްފައިވަނީ ގުރޫޕު ”އޭ“ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި މަތިމަރަދޫ ސެމީ އަށް ގޮސްފައިވަނީ ގުރޫޕު ”ބީ“ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

ހުކުރު ދުވަހު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުން ތުނޑި މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން، ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖެހުމަށް ލިބިފައިވަނީ މަދު ފުރުސަތަކެވެ. ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ހުރަހަކުން، ޠާއިފް ޤާސިމް ވަނީ ލަނޑެއް ޖަހައި، ތުނޑީ ޓީމަށް ކުރިހޯދަދީފަ އެވެ. މިއާއެކު މަތިމަރަދޫ ޓީމު ވަނީ ވަރަށް ބޮޑަށް ޕްރެޝަރަށް ގޮސްފަ އެވެ.

ތުނޑީ ޓީމުން ލީޑު ނެގުމާއެކު، މަތިމަރަދޫން ވަނީ އެޓޭކިންގ ބަދަލުތަކެއް ކޮށްފަ އެވެ. އެގޮތުން، މަތިމަރަދޫން ވަނީ ސޮބާހު އާއި ފަރީސް ކުޅެން ނެރެފަ އެވެ. މިއާއެކު އެ ޓީމުން ވަނީ ރަނގަޅު އެޓޭކުތަކެއް ކޮށްފަ އެވެ.

މަތިމަރަދޫން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަނިކޮށް، މެޗުގެ 74 ވަނަ މިނެޓުގައި ރިޒޭ ވަނީ ލަނޑެއް ޖަހައި، ތުނޑީ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.

މަތިމަރަދޫން އަނެއްކާވެސް ބަދަލުތަކެއްކޮށް، ލަނޑެއް ޖެހުމަށް މަސައްކަތް ކުރިނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތުނޑިއަށް ފުރަތަމަ ލަނޑު ޖަހައިދިން ޠާއިފް އެވެ. މީގެކުރީ މެޗުތަކުން ޠާއިފް ފެނިފައިވަނީ ޑިފެންސިވް ރޯލެއްގަ އެވެ. ނަމަވެސް، އެ ޓީމުގެ އަހުމަދު ހަލީމް (އައްމަޑޭ) އަށް އަނިޔާވުމާ ގުޅިގެން، މި މެޗުގައި ޠާއިފް ކުޅެފައިވަނީ ކުރިޔަށެވެ.

ފައިނަލް މެޗުގައި ތުނޑި ކުޅެން ޖެހޭނީ ހުކުރު ދުވަހުގެރޭ އިސްދޫ ކައިރިން މޮޅުވި މުކުރިމަގާ އެވެ. ގުރޫޕު ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހު ހަވީރު އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments