ޕެނަލްޓީގައި އިސްދޫ ބަލިކޮށް، މުކުރިމަގު ފައިނަލަށް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިސްދޫ ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ މުކުރިމަގުން ހޯދައިފި އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް މުކުރިމަގު ދަތުރުކުރީ ގުރޫޕު ”އޭ“ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އަދި އިސްދޫ ސެމީ އަށް ދިޔައީ ގުރޫޕު ”ބީ“ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.
ރޭ ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. މިއާއެކު، ނަތީހާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ. ޕެނަލްޓީގައި މުކުރިމަގުން އިސްދޫގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ތިންވަނަ މިނެޓުގައި އިސްދޫ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން، އިބްރާހިމް މައިސާން (މައި) ވަނީ ލަނޑު ޖަހައި، އިސްދުއަށް ކުރިހޯދަދީފަ އެވެ. މެޗުގެ ކުރީކޮޅު ލީޑު ލިބުމާއެކު، އިސްދޫން ކުޅުނީ ޑިފެންސިވް ކުޅުމެކެވެ. އަދި މުކުރިމަގުން ކުޅުނީ ވަރަށް ބޮޑަށް ޕްރެސް ކޮށްގެނެވެ.
ދެވަނަ ހާފު ފެށިއިރު މުކުރިމަގުން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. މިއާއެކު، އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. މެޗުގެ 58 ވަނަ މިނެޓުގައި މުކުރިމަގަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހިމް ރާހިލް ރަޝީދު އެވެ.
މުބަރާތުގެ ޤަވައިދުގައިވާ ގޮތުގެ މަތިން، މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން އިތުރު ވަގުތުގެ ދެ ހާފު ނުކުޅެ، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެނެވެ. މުކުރިމަގުން ވަނީ ޕެނަލްޓީއާ ދިމާކޮށް، ކީޕަރު ބަދަލުކޮށްފަ އެވެ.
މުކުރިމަގުން ވަނީ ފުރަތަމަ ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބުކޮށްފަ އެވެ. އެ ތިން ޕެނަލްޓީ ޖަހާފައިވަނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އަލީ ޝާމިސް (ތޮއްޕެ) ގެ އިތުރުން އިބްރާހިމް ހާނިފް (ޓާގެޓް) އެވެ. އިސްދޫ ޓީމުގެ އަލީ ހުމޭޒް އާއި އަހުމަދު ވިޖުދާން (ވިޖުއްކޮ) ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް، އެ ޓީމުގެ މުހައްމަދު ނާއިމް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ.
މުކުރިމަގަށް ވަނީ ލީޑު ނަގަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް، އަރީފް ފޮނުވާލި ޕެނަލްޓީ، އިސްދޫ ޓީމުގެ ކީޕަރު ސަމީރު ވަނީ ދިފާއުކޮށްފަ އެވެ. އިސްދުއަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތުގައި، އަމީން ޖެހި ޕެނަލްޓީ، މުކުރިމަގު ޓީމުގެ ކީޕަރު ސައިފު ވަނީ ދިފާއުކޮށްފަ އެވެ. އެޔަށްފަހު، އީސާ އަލީމް ވަނީ މުކުރިމަގު ޓީމުގެ ހަތަރުވަނަ ޕެނަލްޓީ ކާމިޔާބުކޮށް، މެޗުން މޮޅު ކޮށްދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުކުރިމަގުގެ ރާހިލް އެވެ.
މުބާރާތުގެ ފައިނަލުގައި މުކުރިމަގު ބައްދަލުކުރާނީ ތުނޑިއާ އެވެ. ގުރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.