އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު މަހު ފަށަނީ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި އެމްއެންޔޫ ގަމު ކެމްޕަހުގައި ޤާއިމުކުރެވިފައިވާ އަހުރަ ގޮފި ގުޅިގެން ކުރިޔަށްގެންދާ ”އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024“ ސެޕްޓެމްބަރ މަހު ފެށުމަށް ތާވަލުކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތަކީ ލ.އަތޮޅުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާއި ކްލަބްތަކަށް ހުޅުވާލައިގެން ލ.އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އެއް ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން އެމް.އެން.ޔޫ.އެސް.ޔޫގެ ފަރަތުން ވަނީ 2017، 2018 އަދި 2019 ވަނަ އަހަރު ކަމިޔާބުކަމާއެކު މި މުބާރާތް ނިންމާލާފަ އެވެ. ކޮވިޑް-19ގެ ޢާލަމީ ވަބާގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކު ވޭތުވެދިޔަ ހަތަރު އަހަރު މި މުބާރާތް ބޭއްވިފައެއް ނުވެއެވެ.
މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭއިރު، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޯގަސްޓު މަހުގެ 10 ވަނަ ދުވަހެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު އެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު، އެމް.އެން.ޔޫ.އެސް.ޔޫގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ މަޢުލޫމާތު ދެއްވާފަ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތަކީ ލ.އަތޮޅަށް ޚާއްޞަ ކޮށްގެން ބާއްވާ މުބާރާތެއް ކަމުން، މި މުބާރާތުގައި ކުޅެވޭނީ ލ.އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަ ށެވެ. ނަމަވެސް، މުބާރާތުގެ ފޯރި ގަދަ ކުރުމުގެ ގޮތުން، އަތޮޅުން ބޭރު ދެ ކުޅުންތެރިން ކޮންމެ ޓީމެއްގައި ހިމެނުމުގެ ފުރުޞަތު ވަނީ ދީފަ އެވެ.
2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ދެ ޑިވިޝަނުންވެސް ޗެމްޕިއަންކަން ހޯދާފައިވަނީ އިސްކަންދަރު އެއާ ބޭސް އިންނެވެ.