2025 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ގަމު ކައުންސިލުން ހުޅުވާލައިފި

2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި އެ އަހަރަށް ތައްޔާރުކޮށްފައިވާ މަސައްކަތު ތާވަލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ގަމު ކައުންސިލުން ހުޅުވާލައިފިއެވެ.
ގަމު ކައުންސިލްގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް މިއަދު އެ ފުރުޞަތު ހުޅުވައިލީ ގޫގޫލް ފޯމެއް މެދުވެރިކޮށް ހުށަހެޅުމަށެވެ.
އެ ފޯމުގައިވާ ގޮތުން 2025 ވަނަ އަހަރު ހިންގަން ކައުންސިލުން ރާވާފައިވާ ޙަރަކާތްތަކަށް ޚިޔާލު ހުށަހެޅުމުގެ އިތުރުން، އިތުރު ޙަރަކާތެއް އިތުރު ކޮށްލަން ބޭނުންވާ ނަމަ އެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. އަދި 2025 ވަނަ އަހަރުގެ އަންދާސީ ބަޖެޓަށް ވެސް ޚިޔާލު ހުށަހެޅޭ ގޮތަށް އެ ފޯމުގައި ވެއެވެ.
ގަމު ކައުންސިލުން 2025 ވަނަ އަހަރަށް ތައްޔާރު ކުރި ބަޖެޓާއި މަސައްކަތު ތާވަލް ގޫގުލްފޯމާއެކު ހީރަސްކޮށްފައިވެއެވެ.
މި ބަޖެޓާއި މަސައްކަތު ތާވަލު، 29 ޖުލައި 2024 ވަނަ ދުވަހުގެ ގަމުގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ ރައްޔިތުންނާ ޙިއްސާކޮށްފައެވެ.
2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި މަސައްކަތު ތާވަލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައި ވަނީ މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.
ރަށު ކައުންސިލްތަކުން ކޮންމެ އަހަރަކު ވެސް ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ބަޖެޓާއި މަސައްކަތު ތާވަލް، ހިނގަމުންދާ އަހަރުގެ އޮގަސްޓުމަހުގެ 31ގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވުން އޮންނަނީ ލާޒިމުކޮށްފައެވެ.