ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖުގެ ގުރު ނަގައިފި

ޖޮޒީ އެމްވީގެ ފަރާތުން މުޅި ލ.އަތޮޅަށް ހުޅުވާލައިގެން ލ.ހިތަދޫގައި ބާއްވާ ”ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް 2024“ ގެ ގުރު ނަގައިފި އެވެ.
ޖުމްލަ 10 ޓީމަކުން ބައިވެރިވި މި މުބާރާތް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެނެވެ. އެގޮތުން، ގުރޫޕު ”އޭ“ ގައި ހިމެނެނީ ޖީޖީ ސްޕޯޓްސް، ފެކްޝަން ސްޕޯޓްސް ކްލަބް، ބިގް ގޭންގް ފުޓްބޯލް ކްލަބް، ބިގް ގޭންގް ސްޕޯޓްސް ކްލަބް އަދި ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) އެވެ. މި ފަސް ޓީމަކީވެސް ހިތަދުއަށް ނިސްބަތްވާ ފަސް ޓީމެވެ.
ގުރޫޕް ”ބީ“ ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން، ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ)، ފެކްޝަން ކޮތަރަ، އެންމެ ފަހުގެ ރަނަރަޕް، ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ)، ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް) އަދި ފަމިލީ އެންޑް ފްރެންޑްސް ސްޕޯޓްސް ކްލަބް (އެފް އެންޑް އެފް އެސްސީ) އެވެ. ޖީޖީއެސްސީ އާއި ފެކްޝަން ކޮތަރަގެ އިތުރުން ބީޖީއެސްސީ އަކީ ހިތަދުއަށް ނިސްބަތްވާ ތިން ޓީމެވެ. މީގެއިތުރުން، ކިންގް އެއީ ކުނަހަންދޫ ޓީމެކެވެ. އަދި އެފް އެންޑް އެފް އެއީ މާވަށު ޓީމެކެވެ.
ކޮންމެ ގުރޫޕަކުންވެސް ސެމީ ފައިނަލަށް ދާނީ އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމެވެ. ސެމީ ފައިނަލުގައި ގުރޫޕު ”އޭ“ ގެ އެއްވަނަ ބައްދަލުކުރާނީ ”ބީ“ ގެ ދެވަނަ ޓީމާ އެވެ. އަދި ”ބ“ ގެ އެއްވަނަ ނިކުންނާނީ ”އޭ“ ގެ ދެވަނަ ޓީމާ ދެކޮޅަ ށެވެ.
މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ 17 ވަނަ ދުވަހު އެވެ. އަދި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހު އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖީޖީ ސްޕޯޓްސް އާއި ބިގް ގޭންގް އެސްސީ އެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ލާމު އެމްވީ އެވެ. އެހެނިހެން ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އެމް.ޑަބްލިއު.އެސް.ސީ، މޯލްޑިވިއަން، ދިރާގު އަދި ސްނޯ ޑްރޮޕް އެވެ.