ކިންގް ބަލިކޮށް، ޗެމްޕިއަން ޖީޖީއެސްސީ އަށް ރަނގަޅު ފެށުމެއް

ލ.ހިތަދޫގައި ރޭ ފެށި އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ކިންގް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޖީޖީއެސްސީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ޖީޖީއެސްސީން ކިންގުގެ މައްޗަށް ކުރިހޯދީ 6-3 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އަލީ ރީހާން ވަނީ ލަނޑެއް ޖަހައި ކިންގަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން ޖީޖީއެސްސީގެ އަލީ ހާފިޒް (އައްޔަ) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށްފަހު ޖީޖީއެސްސީ އިންވަނީ އިތުރަށް ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، މެޗުގެ ހަތްވަނަ މިނެޓުގައި އިބްރާހިމް މުބީން އަހުމަދު (މުއްކި) ވަނީ ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އިސްމާއިލް ވަޖީހު (ވައްޖެ) ވަނީ ލަނޑެއް ޖަހައި ޖީޖީއެސްސީ އަށް ލީޑު ފުޅާކޮށްދީފަ އެވެ.
ޖީޖީއެސްސީން ތިންވަނަ ލަނޑު ޖެހިތާ ކުޑައިރުކޮޅެއް ފަހުން ކިންގުން ވަނީ އިތުރު ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފަ އެވެ. ކިންގުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އަލީ ރިސްވާން އެވެ. ފުރަތަމަ ހާފު ނިމުނުއިރު ޖީޖީއެސްސީން ވަނީ އެއް ލަނޑުގެ ލީޑެއް ނަގާފަ އެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ރީހާން ވަނީ ލަނޑެއް ޖަހައި ކިންގަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ނަމަވެސް، ހާފުގެ ހަތްވަނަ މިނެޓުގައި އަހުމަދު ސޮބާހު (ސޯޓޭ) ވަނީ ލަނޑެއް ޖަހައި ޖީޖީއެސްސީ އަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، ކިންގުގެ އަހުމަދު ރިލުވާން އަތުން ބައިކޮޅަށް ލަނޑެއް ވަނުމާއެކު، ޖީޖީއެސްސީ އަށް ވަނީ ދެ ލަނޑުގެ ލީޑެއް ލިބިފަ އެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ސޯޓޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ޖީޖީއެސްސީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީޖީއެސްސީގެ ވައްޖެ އެވެ.
މުބާރާތުގެ ފޯރިގަދަ ތިން މެޗެއް މިރޭވެސް ކުޅޭނެ އެވެ. އެގޮތުން، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެކްޝަން އެސްސީ އާއި ބިގް ގޭންގް އެފްސީ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފެކްޝަން ކޮތަރަ އާއި ބީޖީއެސްސީ އެވެ. އަދި ފަހު މެޗުގައި ބިގް ގޭންގް އެސްސީ ނިކުންނާނީ ހައިޑްރާ އާ ދެކޮޅަ ށެވެ.