ބިގް ގޭންގް އެފްސީ ބަލިކޮށް، ފެކްޝަން އިން ފެށުން ރަނގަޅުކޮށްފި

އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ބިގް ގޭންގް އެފްސީ ބަލިކޮށް، ފެކްޝަން އެސްސީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މިއީ މިއަހަރުގެ މުބާރާތުގައި މި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗެވެ. ރޭ ހިތަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުން ފެކްޝަން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ފެކްޝަންގެ ހުސައިން އަލީ (ޗެންޓޭ) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. މިއާއެކު ފެކްޝަން އިން ވަނީ މެޗުގެ ކޮންޓްރޯލް ނަގާފަ އެވެ.
މެޗުގެ 32 ވަނަ މިނެޓުގައި މުހައްމަދު އަދުހަމް ވަނީ ލަނޑެއް ޖަހައި ފެކްޝަން އަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޗެންޓޭ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ބިގް ގޭންގުގެ ހަމަ އެކަނި ލަނޑު، އިތުރު ވަގުތުގައި ކާމިޔާބުކުރީ އަލީ ސިސާން (ސިސަޅޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކްޝަންގެ ޗެންޓޭ އެވެ.
މިއަހަރުގެ މުބާރާތަކީ ޖޯޒީ އެމްވީގެ ދެވަނަ ފުޓްސަލް މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޯންސަރަކީ އަރަފާ ޓްރޭޑާސް އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ލާމު އެމްވީ އެވެ.