ގަމު ޤުރްއާން މުބާރާތް: އެއް ވަނަ އިނާމަކަށް ފަނަރަ ހާސް ރުފިޔާ، 18 އަހަރުން މަތީގެ މީހުންނަށް ވެސް ބައިވެރިވެވޭ.

ކޮންމެ އަހަރަކު އެއް ފަހަރު ގަމު ކައުންސިލުން ބާއްވަމުން އަންނަ ގަމު ޤުރްއާން މުބާރާތުގެ ކޮންމެ ގޮތްޕަކުން ވެސް އެއް ވަނައަށް ދާ ފަރާތަށް ފަނަރަ ހާސް ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި މި މުބާރާތުގައި ބައިވެރިވުމަށް ވަކި ޢުމުރުފުރައެއް ނެތް ކަމަށް ގަމު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ގަމު ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ވަކި ޢުމުރުފުރައެއް ނެތް ކަމަށް ގަމު ކައުންސިލުން ބަޔާން ކޮށްފައި ވަނީ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ޢާންމު ކުރި ޤުރުއާން މުބާރާތް ހިންގާ ޤަވާޢިދުގައެވެ.
އެ ޤަވާޢިދުގައި ވާ ގޮތުން މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ބަޔަކަށެވެ. އެއީ ސުކޫލްތަކުގެ ބަޔާއި ޢާންމު ބައެވެ. ކޮންމެ ބަޔަކުން ވެސް ދެ ގޮފިން ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ބަލައިގެން ކިޔުމުގެ ގޮތްޕާއި ނުބަލައި ކިޔުމުގެ ގޮތްޕެވެ. ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރިވެވެނީ މިއިން ކޮންމެ ވެސް އެއް ގޮތްޕަކުން އަދި ކޮންމެވެސް އެއް ބަޔަކުންނެވެ.
މި މުބާާރާތުގެ ސުކޫލްތަކުގެ ބައި 6 ކެޓަގަރީއަކަށް ބަހާާލާފައިވާއިރު ޢާންމު ބައި ބަހާލާފައި ވަނީ 8 ކެޓަގަރީއަކަށެވެ. މުބާރުގެ ވަނަތައް ހޮވާއިރު މިއިން ކޮންމެ ކެޓަގަރީއަކުން ވެސް އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު ބޭއްވި ގަމު ޤުރުއާން މުބާރާތުގައި މުޅި މުބާރާތުގެ އެއް ވަނަ އަށް ދިޔަ ފަރާތަށް ފަނަރަ ހާސް ރުފިޔާ، ދެ ވަނައަށް ދިޔަ ފަރާތަށް ދިހަ ހާސް ރުފިޔާ އަދި ތިން ވަނައަށް ދިޔަ ފަރާތަށް ހަތް ހާސް ރުފިޔާ ވަނީ ދީފައެވެ.
މި އަހަރުގެ މުބާރާތުގައި ކޮންމެ ގޮތްޕަކުން ވެސް އެއް ވަނައަށް ދާ ފަރާތަށް ފަނަރަ ހާސް ރުފިޔާ، ދެ ވަނައަށް ދާ ފަރާތަށް ދިހަ ހާސް ރުފިޔާ އަދި ތިން ވަނައަށް ދާ ފަރާތަށް ހަތް ހާސް ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ގަމު ކައުންސިލު މަޢުލޫމާތު ދެއްވައެވެ.
މި މަހުގެ 22 އިން 24އަށް ބޭއްވުމަށް ހަމަޖެހިފައިވާ ގަމު ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފޯމު ހުށައަޅަން ޖެހޭ ސުންގަޑިއަކީ 15 އޮގަސްޓު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ.