ކިންގް ބަލިކޮށް، އެފް އެންޑް އެފް އަށް ވަރުގަދަ ފެށުމެއް

އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް) ބަލިކޮށް، ފެމިލީ އެންޑް ފްރެންޑްސް ސްޕޯޓްސް ކްލަބް (އެފް އެންޑް އެފް އެސްސީ) އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ރޭ ހިތަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުން އެފް އެންޑް އެފް މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އެފް އެންޑް އެފްގެ މުހައްމަދު ޝާއިރު ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. އޭގެފަހުން، އިބްރާހިމް ރަޝީދު ޖެހި ދެ ލަނޑާއެކު، އެފް އެންޑް އެފުން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން، މެޗުގެ 28 ވަނަ މިނެޓުގައި އާދަމް ވަޖީހު (ވަޖީ) ވަނީ އެފް އެންޑް އެފްގެ ހަތަރު ވަނަ ލަނޑު ޖަހާފަ އެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމުގެ އަހުމަދު ރައްޔާން ވަނީ ލަނޑެއް ޖަހައި، އެފް އެންޑް އެފަށް ބޮޑު ލީޑެއް ނަގައިދީފަ އެވެ. ކިންގުގެ ހަމައެކަނި ލަނޑު، މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކުރީ މުހައްމަދު އަނިލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް އެންޑް އެފްގެ އިބްރާހިމް ރަޝީދު އެވެ.
މުބާރާތުގައި އެފް އެންޑް އެފް ދެން ނިކުންނާނީ ބީޖީއެސްސީ އާ ދެކޮޅަ ށެވެ. އަދި ކިންގު ނިކުންނާނީ ފެކްޝަން ކޮތަރަ އާ ދެކޮޅަ ށެވެ. މި ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭގައެވެ.