ހައިޑްރާ އާއި ބިގް ގޭންގް އެފްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ހައިޑްރާ އާއި ބިގް ގޭންގް އެފްސީ ބައްދަލުކުރި މެޗު އެއްވަރުވެ، ދެ ޓީމުވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
ރޭ ހިތަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 14 ވަނަ މިނެޓުގައި އިސްމާއިލް ޝަނޫން ވަނީ ލަނޑެއް ޖަހައި ބިގް ގޭންގަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން މުހައްމަދު މުނާޒު ވަނީ ލަނޑެއް ޖަހައި، ހައިޑްރާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެނެވެ.
ދެވަނަ ހާފު ފެށިގެންވެސް ދެ ޓީމުގެ ފަރާތުން ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗު ނިމެން ފަސް މިނެޓަށް ވަފައިވަނިކޮށް ބިގް ގޭންގަށް ކުރިހޯދައިދިނީ އަލީ ތޯރިގު އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަލީ އަނޫފް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.
ހައިޑްރާ އިން ވަނީ އެންމެ ފަހު ވަގުތާ ހަމަޔަށް ހިތްވަރު ކޮށްފަ އެވެ. އެ ޓީމަށް އުއްމީދެއް ލިބުނީ، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މުހައްމަދު ހުސައިން ކާމިޔާބުކުރި ލަނޑާއެކު އެވެ. އަދި މެޗުގެ ފަހު މިނެޓުގައި މުނާޒު ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ހައިޑްރާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މިއާއެކު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް މުނާޒު އެވެ.
ބިގް ގޭންގް އެފްސީ އަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު ހައިޑްރާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.