އެފް އެންޑް އެފް ބަލިކޮށް، ބީޖީއެސްސީ ސެމީ ފައިނަލާ ގާތަށް

ލ.ހިތަދޫގައި މިހާރު ކުރިޔަށްދާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ފެމިލީ އެންޑް ފްރެންޑްސް ސްޕޯޓްސް ކްލަބް (އެފް އެންޑް އެފް އެސްސީ) ބަލިކޮށް، ބީޖީއެސްސީ ސެމީ ފައިނަލާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފި އެވެ.
ރޭ ހިތަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުން ބީޖީއެސްސީ މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ބީޖީއެސްސީ މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ބީޖީއެސްސީ އާއި ޖީޖީއެސްސީ އަށް ހަތް ޕޮއިންޓު ލިބިފައިވާއިރު، ދެ ޓީމަށްވެސް ބާކީ އޮތީ އެއް މެޗެވެ.
މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި އަހުމަދު ވިޖުދާން (ވިޖުއްކޮ) ވަނީ ލަނޑެއް ޖަހައި ބީޖީއެސްސީ އަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން އާދަމް ވަޖީހު (ވަޖީ) ވަނީ ލަނޑެއް ޖަހައި، އެފް އެންޑް އެފަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފަ އެވެ.
ދެވަނަ ހާފުގައި ބީޖީއެސްސީގެ ފަރާތުން ފެނިފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން، ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ވިޖުއްކޮ ވަނީ ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް ބީޖީއެސްސީ އަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
މެޗުގެ ފަހު 10 މިނެޓުގައި ބީޖީއެސްސީން ވަނީ އިތުރު ތިން ލަނޑު ޖަހައި، އަތުނުލެވޭ ވަރުގެ ބޮޑު ލީޑެއް ނަގާފަ އެވެ. އެ ޓީމުގެ ފަހު ތިން ލަނޑު ކާމިޔާބުކުރީ ހުސައިން ނާޝިދު (ނާއްޓޯ) އާއި އަލީ ހުމޭޒުގެ އިތުރުން އަހުމަދު ހަލީމް (އައްމަޑޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބީޖީއެސްސީ އަށް ހެޓްރިކް ހަދައިދިން ވިޖުއްކޮ އެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބީޖީއެސްސީ ނިކުންނާނީ ކިންގާ ދެކޮޅަ ށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ގައެވެ.