ކަނޑުމަސް ކެއުން ހުއްޓާލާކަށް ނުޖެހޭ! – ޑރ. މުޙައްމަދު ޢަލީ

ވަރަށް ގިނަފަހަރަށް ކޮލެސްޓްރޯލް، ލޭގެ ޕްރެޕުރެޝަރު ނުވަތަ ހަކުރު މައްޗަށްދާ މީހުން ޑަކުޓަރަށް ދެއްކުމުން ދިވެހިންގެ އެންމެ ޢާއްމު ކާނާގެ ގޮތުގައި ގިނަ މީހުން ބޭނުންކުރާ ކަނޑުމަސް ކެއުން ހުއްޓާލަން ބުނެއުޅެއެވެ.
ނަމަވެސް، މީސް މީޑިއާ އަދި ޢާއްމުންނާ އެންމެ ރައްޓެހި ރާއްޖޭގެ ނަން މަޝްހޫރު ޑަކުޓަރު، ޑރ. މުޙައްމަދު ޢަލީގެ ރަޢުޔު މިކަމުގައި ވަރަށް ތަފާތެވެ. އެބޭފުޅާ ވަނީ މިކަން ފޭސްބުކުގައި ޙިއްޞާކުރައްވާފައެވެ.
ޑރ. މުޙައްމަދު ޢަލީ ދެކެލައްވާގޮތުގައި ކުރިން މިދެންނެވުނު ފަދަ ބައްޔެއް ހުރިކަމުގައި ވިޔަސް އެއްކޮށް ކަނޑުމަސް ކެއުން ހުއްޓާލަން ޑަކުޓަރުން ލަފާދެއްވާކަށް ނުޖެހެއެވެ. ތިރީގައި އެވަނީ ކަނޑުމަހުން ލިބޭ ފައިދާގެ ގޮތުގައި ޑރ. މުޙައްމަދު ޢަލީ ފާހަގަކުރައްވާ ނުކުތާތަކެވެ.
ކަނޑު މަސް/ގޮދާ/ކަންނެލިން ލިއްބައިދޭ ބައެއް ފައިދާތައް:
1. ވިޓަމިން ބީ ލިއްބައިދޭ
2. މި މަހުގަ ހުންނަ އޮމެގާ 3 ފެޓީއެސިޑުން އަހަރެމެންގެ ހަށިގަނޑުގައި ހުންނަ ނުރަންގަޅު ސަރުބީތައް މަދުކޮށްދޭ – އެހެންވީމަ ހަށިގަނޑުގައި ކޮލެސޓުރޯލް މަތިވިޔަސް ކަނޑުމަސް ކެއުން ހުއްޓާކަށް ނުޖެހޭ – ނަމަވެސް މަހުގެ މޭ، ބިސް، ބަނޑު ފަދަ އެއްޗިހީގައި ސަރުބީ ހުންނަވަރު ގިނަ، ވީމާ އެ އެއްޗިހި ކެއުން މަދު ކުރަންވާނެ: އަދި ކަނޑުމަސް ތައްޔާރު ކުރާ އިރު ވީހާވެސް ތެޔޮ މަދުން ބޭނުންކުރައްވާ
3. ލޮލުގެ ރެޓިނާގެ ބާރު ގަދަކޮށް، ލޯ ހިކުމުން ދުރުކޮށްދޭ
4. އޮމެގާ 3 ފެޓީއެސިޑްގެ ސަބަބުން ކެންސަރުތައް ޖެހުމުން ދުރުކޮށްދޭ
5. މި މަހުން ވ. ބައިވަރު ރަނގަޅު ޕުރޮޓީން ލިއްބައިދޭ: އެހެންކަމުން ރަނގަޅުގޮތުގައި ބޭނުންކުރެވިއްޖެ ނަމަ ބަރުދަން ލުއިކުރަން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭ
6.ވިޓަމިން ޑީ ލިއްބައިދޭ
7. ދަގަނޑު ލިއްބައިދޭ
8. ވިޓަމިން ބީ 6 ، ޕޮޓޭސިއަމް، ސެލެނިއަމް، އަޔޮޑިން ފަދަ މާއްދާތަކުގެ ސަބަބުން ދިފާއި ނިޒާމް ވަރުގަދަކޮށްދޭ
އެހެންކަމުން ކުރިން ހީވެފައި އޮންނަ ގޮތާ ޚިލާފަށް ކަނޑުމަހަކީ ދިގުމުއްދަތަށް ދެމިގެންދާ ބައެއް ބަލިތައް ހުންނަ މީހުންނަށްވެސް ދުވަހުގެ ކެއުމުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.