ކިންގް މޮޅުވިއިރު، ފެކްޝަން އާއި ހައިޑްރާގެ ކުރިމަތިލުން އެއްވަރު

ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ރޭ ފެކްޝަން ކޮތަރަ ކައިރިން ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް) މޮޅުވިއިރު، ފެކްޝަން އެސްސީ އާއި ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) ގެ ކުރިމަތިލުން އެއްވަރު ވެއްޖެ އެވެ.
ފެކްޝަން ކޮތަރަ ކައިރިން ކިންގް މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ދެވަނަ މިނެޓުގައި އަހުމަދު ރިލުވާން ވަނީ ލަނޑެއް ޖަހައި ކިންގަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން މުހައްމަދު ޔައިޝަމް ވަނީ ލަނޑެއް ޖަހައި ފެކްޝަން ކޮތަރަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ ހަވަނަ މިނެޓުގައި ކިންގަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މުހައްމަދު އަނިލް އެވެ.
ދެވަނަ ހާފު ފެށިގެން، ލޫތު އަހުމަދު ފަތުހީ ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، ފުރަތަމަ ފަހަރަށް ފެކްޝަން ކޮތަރަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް، އަލީ ރީހާން ވަނީ ދެ ލަނޑު ޖަހައި، އަނެއްކާވެސް ކިންގު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކިންގުގެ މުހައްމަދު މާއިޝް އެވެ.
ހައިޑްރާ އާއި ފެކްޝަން އެސްސީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ފެކްޝަން އަށް ކުރިހޯދައިފިނީ ހަސަން ނައްވާދު އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ހައިޑްރާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު މުނާޒު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކްޝަންގެ މުހައްމަދު ނައުފަލް އެވެ.
ގުރޫޕު ”ބީ“ ގައި ހިމެނޭ ކިންގާއި ފެކްޝަން ކޮތަރަށް، ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ގުރޫޕު ”އޭ“ ގެ ފެކްޝަން އެސްސީ އަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު ހައިޑްރާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.