އަށް ލަނޑުގެ މޮޅަކާއެކު ޖީޖީއެސްސީ ސެމީ އަށް

ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ރޭ 8-0 ގެ ނަތީޖާއަކުން ފެމިލީ އެންޑް ފްރެންޑްސް ސްޕޯޓްސް ކްލަބް (އެފް އެންޑް އެފް އެސްސީ) ބަލިކޮށް، ޖީޖީއެސްސީ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ އެފް އެންޑް އެފަށް ޖީޖީއެސްސީ ބަލިނުކުރެވުމާއެކު، ގުރޫޕު ”ބީ“ އިން ސެމީ ފައިނަލަށް ދާ ދެ ޓީމު ވަނީ ކަށަވަރުވެފަ އެވެ. އެއީ ޖީޖީއެސްސީ އާއި ބީޖީއެސްސީ އެވެ. ޖީޖީއެސްސީ އަށް 10 ޕޮއިންޓު ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެ، ބީޖީއެސްސީ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
އެފް އެންޑް އެފާއި ޖީޖީއެސްސީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ޖީޖީއެސްސީ އަށް ކުރިހޯދައިދިނީ އަހުމަދު ސޮބާހު (ސޯޓޭ) އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފުގައި ޖީޖީއެސްސީން ވަނީ މޮޅު ކުޅުމެއް ދައްކައި، ހަތް ލަނޑު ޖަހާފަ އެވެ. އެ ހާފުގައި ސޯޓޭ ވަނީ އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މީގެއިތުރުން، އިބްރާހިމް މުބީން އަހުމަދު (މުއްކި) އާއި އިސްމާއީލް ވަޖީހު (ވައްޖެ) އިންކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަދި އިބްރާހިމް މައިސާން (މައި) ވަނީ އެއް ލަނޑު ޖަހާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސޯޓޭ އެވެ.
މި ގުރޫޕުގެ އެއްވަނަ ކަށަވަރުވާނީ މިރޭ ބީޖީއެސްސީ އާއި ކިންގު ބައްދަލުކުރާ މެޗަށް ފަހު އެވެ. ގުރޫޕުގެ އެއްވަނަ ހޯދުމަށް، ބީޖީއެސްސީން ހަތަރު ލަނޑުގެ ފަރަގަކުން މޮޅުވާން ޖެހޭނެ އެވެ.