ފެކްޝަން ބަލިކޮށް، ބިގް ގޭންގް އެސްސީ ސެމީ އަށް

ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ރޭ ފެކްޝަން އެސްސީ ބަލިކޮށް، ގުރޫޕު ”އޭ“ ގެ އެއްވަނަ ޓީމުގެ ގޮތުގައި ބިގް ގޭންގް އެސްސީ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މެޗު ކާމިޔާބުކޮށްގެން ސެމީ އަށް ދިއުމުގެ ފުރުސަތު ދެ ޓީމަށްވެސް ވަނީ ލިބިފަ އެވެ. ބިގް ގޭންގުން ފެކްޝަންގެ މައްޗަށް ކުރިހޯދީ 6-4 ގެ ނަތީޖާއަކުންނެވެ. މިއާއެކު، ބިގް ގޭންގަށް ވަނީ ހަތް ޕޮއިންޓު ލިބިފަ އެވެ. ދެވަނަ ޓީމެއްގެ ގޮތުގައި ސެމީ އަށް ދަތުރުކުރީ ޖީޖީ ސްޕޯޓްސް އެވެ. އެ ޓީމަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ބިގް ގޭންގުގެ އަލީ އަރުޝަދު (ޓޮއިން) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި އަލީ އައްޒާމް ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. ބިގް ގޭންގުން ފުރަތަމަ ހާފު ނިންމާލި ދެ ލަނޑުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 28 ވަނަ މިނެޓުގައި މުހައްމަދު ނައުފަލް ވަނީ ލަނޑެއް ޖަހައި ފެކްޝަން އަށް ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް، އޭގެ ކުޑަ އިރުކޮޅެއް ފަހުން ޓޮއިން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ބިގް ގޭންގަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން ބިގް ގޭންގުގެ އަހުމަދު ސާއިދު ވަނީ ލަނޑެއް ޖަހާފަ އެވެ.

ފެކްޝަން އިން ވަނީ ފަރަގު ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން، މެޗުގެ 31 ވަނަ މިނެޓުގައި އަލީ ޝަޒްމީ (ޝައްޒެ) ވަނީ ލަނޑެއް ޖަހާފަ އެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ބިގް ގޭންގުގެ މޫސާ ހާނިމް ވަނީ ލަނޑެއް ޖަހައި، އަނެއްކާވެސް ލީޑު ފުޅާކޮށްފަ އެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ފެކްޝަންގެ ހުސައިން އަލީ (ޗެންޓޭ) ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފަ އެވެ. އަދި މެޗުގެ ފަހު މިނެޓުގައި ބިގް ގޭންގުގެ ހާނިމް، އޭނާގެ ދެވަނަ ލަނޑު ޖަހާފައިވާއިރު، އިތުރު ވަގުތުގައި ފެކްޝަންގެ ހަސަން ނައްވާދު ވަނީ ލަނޑެއް ޖަހާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބިގް ގޭންގުގެ ހާނިމް އެވެ.

މި ނަތީޖާއާއެކު، މިރޭ ކުޅޭ ސެމީ ފައިނަލުގައި ބިގް ގޭންގް އެސްސީ ބައްދަލުކުރަން ޖެހޭނީ ގުރޫޕު ”ބީ“ ގެ ދެވަނަ ޓީމު ކަމުގައިވާ ޖީޖީއެސްސީ އާއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments