ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ބީޖީއެސްސީ ސެމީ އަށް

ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ރޭ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް) ބަލިކޮށް، ގުރޫޕު ”ބީ“ ގެ އެއްވަނަ ޓީމުގެ ގޮތުގައި ބީޖީއެސްސީ ސެމީ އަށް ދަތުރުކޮށްފި އެވެ.
ރޭ ހިތަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުން ބީޖީއެސްސީ މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ. ބީޖީއެސްސީގެ އިތުރުން މި ގުރޫޕުން ސެމީ ފައިނަލުގެ ޖާގަ ހޯދާފައިވަނީ ވާދަވެރި ޖީޖީއެސްސީ އެވެ. ދެ ޓީމަށްވެސް 10 ޕޮއިންޓު ލިބިފައިވާއިރު، ބީޖީއެސްސީން ކުރިހޯދާފައިވަނީ ފައިދާ ގޯލުންނެވެ.
މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އަހުމަދު ވިޖުދާން (ވިޖުއްކޮ) ވަނީ ލަނޑެއް ޖަހައި ބީޖީއެސްސީ އަށް ކުރިހޯދަދީފަ އެވެ. އަދި މެޗުގެ ހަތްވަނަ މިނެޓުގައި އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ލަނޑެއް ޖަހައި، ބީޖީއެސްސީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. މިއާއެކު ބީޖީއެސްސީން ވަނީ މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފަ އެވެ.
ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް އަބްދުﷲ ޖުނެއިދު (ޖޭންނެ) އާއި އަލީ ހުމޭޒު ކާމިޔާބުކުރި ލަނޑުތަކާއެކު، ބީޖީއެސްސީން ފުރަތަމަ ހާފު ނިންމާލީ ހަތަރު ލަނޑުގެ ބޮޑު ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ބީޖީއެސްސީގެ ހުސައިން ނާޝިދު (ނާއްޓޯ) ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހާފަ އެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން، ކިންގުގެ މުހައްމަދު މާއިޝް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފަ އެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބީޖީއެސްސީގެ ހަވަނަ ލަނޑު ކާމިޔާބުކުރީ އައްމަޑޭ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެ ޓީމުގެ ޖޭންނެ އެވެ.
މި ނަތީޖާއާއެކު، މިރޭ ކުޅޭ ސެމީ ފައިނަލުގައި ބީޖީއެސްސީ ބައްދަލުކުރާނީ ގުރޫޕު ”އޭ“ ގެ ދެވަނަ ޓީމު ކަމުގައިވާ ޖީޖީ ސްޕޯޓްސް އާއެވެ.