ފައިނަލުގައި މިފަހަރުވެސް ޖީޖީއެސްސީ އާއި ބީޖީއެސްސީގެ ކުރިމަތިލުމެއް

ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޖީޖީއެސްސީ އާއި ރަނަރަޕް ބީޖީއެސްސީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗުން ބީޖީއެސްސީ ބަލިކޮށް، މުބާރާތުގެ ފުރަތަމަ ތަށި ހޯދާފައިވަނީ ޖީޖީއެސްސީންނެވެ. މި އަހަރުގެ މުބާރާތުގައި މި ދެ ޓީމުވެސް ހިމެނިފައިވަނީ ގުރޫޕު ”ބީ“ ގައެވެ. ގުރޫޕު ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެނެވެ.

މި ދެ ޓީމަކީވެސް ފުޓްސަލްގެ ގިނަ ތަރިންތަކެއް ހިމެނޭ ދެ ޓީމެވެ. އެގޮތުން، ޖީޖީއެސްސީގައި އަލީ ހާފިޒް (އައްޔަ)، އަލީ ޝާމިސް (ތޮއްޕެ)، އިބްރާހިމް މުބީން އަހުމަދު (މުއްކި)، އިބްރާހިމް މައިސާން (މައި) އަދި އިސްމާއިލް ވަޖީހު (ވައްޖެ) ހިމެނެ އެވެ. މީގެއިތުރުންވެސް، ލ.އަތޮޅަށް ނިސްބަތްވާ ތަފާތު މޮޅު ކުޅުންތެރިން މި ޓީމުގައި ހިމެނެ އެވެ.

ބީޖީއެސްސީ އަށް ބަލާއިރު، އަޔާޒު އަހުމަދު (އަޔާ)، މުހައްމަދު އައްޒާމް، އަބްދުﷲ ޖުނެއިދު (ޖޭންނެ)، އަހުމަދު ހަލީމް (އައްމަޑޭ)، ހުސައިން ނާޝިދު (ނާއްޓޯ)، އަދި އަހުމަދު ވިޖުދާން (ވިޖުއްކޮ) ހިމެނެ އެވެ. ޖީޖީއެސްސީ އެކޭ އެއްގޮތަށް، ބީޖީއެސްސީގައިވެސް ލ.އަތޮޅުގެ އެކި ރަށް ތަކަށް ނިސްބަތްވާ މޮޅު ކުޅުންތެރިން ހިމެނެ އެވެ.

ޖީޖީއެސްސީން ފައިނަލުގެ ޖާގަ ހޯދީ ފަހަތުން އަރައި 5-4 ގެ ނަތީޖާއަކުން ބިގް ގޭންގް އެސްސީ ބަލިކުރުމަށްފަހު އެވެ. ފުރަތަމަ ހާފު ނިމުނުއިރު ޖީޖީއެސްސީ އޮތީ 3-2 ގެ ނަތީޖާއަކުން ބަލިކޮށެވެ. މި މެޗުގައި ބިގް ގޭންގުގެ މޫސާ ހާނިމް ހެޓްރިކް ހަދާފައިވާއިރު، އަހުމަދު ސާއިދު ވަނީ ލަނޑެއް ޖަހާފަ އެވެ.

ޖީޖީއެސްސީން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. މި މެޗުގައި ޖީޖީއެސްސީގެ އަހުމަދު ސޮބާހު (ސޮޓޭ) އާއި އައްޔަ ދެ ލަނޑު ޖަހާފައިވާރިއު، މުއްކި ވަނީ އެއް ލަނޑު ޖަހާފަ އެވެ. މެޗުން ބަލިވި ކަމުގައިވިޔަސް، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބިގް ގޭންގަށް ހެޓްރިކް ހަދައިދިން ހާނިމް އެވެ.

ބީޖީއެސްސީން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީ ގައި 4-1 ގެ ނަތީޖާއަކުން ޖީޖީ ސްޕޯޓްސް ބަލިކުރުމަށްފަހު އެވެ. މި މެޗުގައި ބީޖީއެސްސީގެ ޖޭންނެ އާއި އައްމަޑޭގެ އިތުރުން އަޔާ ލަނޑު ޖަހާފައިވާއިރު، ޖީޖީ ސްޕޯޓްސްގެ މުހައްމަދު ޝިޔާމް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. ޖީޖީ ސްޕޯޓްސްގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ޒާދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބީޖީއެސްސީގެ ޖޭންނެ އެވެ.

ޖުމްލަ 10 ޓީމަކުން ބައިވެރިވި، މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments