ގަދަ ދިހައެއްގައި ހިމެނުނު، އިސްދޫ ސުކޫލުގެ ފުރަތަމަ ދަރިވަރަކަށް މާޒިން.

ޘާނަވީ ސުކޫލް ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ލ.އިސްދޫ އުދަރެސްވިލާ މުޙައްމަދު މާޒިން ހިމެނިއްޖެއެވެ.
މި ދަރިވަރުންގެ ތެރޭގައި މާޒިން ހިމެނިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވި އެސް.އެސް.ސީ އިމްތިޙާނާއި ޖޫން މަހުގައި ބޭއްވި އޯލެވެލް އިމްތިޙާނުގައި ބައިވެރިވެ 8 ވަނަ ލިބިގެންނެވެ.
ގުރޭޑު 10 ނިންމި އިރު މި ހޯދި ކާމިޔާބީގެ އިތުރުން، ގުރޭޑު 9 ގައި އުޅުނު އިރު މާޒިން ވަނީ އިސްދޫ ސުކޫލުން ކުލާސް އެވޯޑާއި އޮނަލިސްޓެޑް އެވޯޑު ވެސް ޙާސިލްކޮށްފައެވެ.
ކިޔެވުމުގެ އިތުރުން ސުކޫލްގެ އިތުރު ޙަރަކާތްތަކުން ވެސް މާޒިން އައީ ކާމިޔާބީ ހޯދަމުންނެވެ. އެ ގޮތުން ލާމަސީލު ލާމު ސުކޫލުތަކުގެ ފުރަތަމަ ވާހަކަ ދެއްކުމުގެ މުބާރާތުގެ އެންމެ މޮޅު ދިހަ ކުދިން ތެރޭގައި މާޒިން ވަނީ ހިމެނިފައެވެ. އަދި އިސްދޫ ސުކޫލްގެ ކެޕްޓަންގެ މަޤާމާއި ވައިސް ކެޕްޓަންގެ މަޤާމް ވެސް ފުރާފައިވެއެވެ. އަދި މީގެއިތުރުން ސައިންސް ކުލަބުގެ ރައީސް ކަން ވެސް މާޒިން ވަނީ ކޮށްފައެވެ.
ކިޔެވުމަށް އިސްކަން ދީގެން އިތުރު ޙަރަކާތްތަކުގައި ބައިވެރިވަމުން އައި މާޒިން، ކުރިއަށް ދާން ބޭނުން ވަނީ ލީޑަރޝިޕް ދާއިރާއިންނެވެ. އެގޮތުން އެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލް ކުރަން ގަސްދު ކުރާކަމަށް، ލާމު އެމްވީއަށް މަޢުލޫމާތު ދެމުން މާޒިން ބުނިއެވެ.
މާޒިންއަކީ، ގަދަ ދިހައެއްގައި އިސްދޫ ސުކޫލުން ހިމެނުނު ފުރަތަމަ ދަރިވަރެވެ. އޯލެވެލްއަށް ކިޔަވައިދޭތާ މިހާރު 18 އަހަރު ވެފައިވާ އިސްދޫ ސުކޫލަށް ލިބުނު މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ތިހޯދި ކާމިޔާބީއައް މަރުހަބާ !