މާވަށު ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

ލ.މާވަށު ކައުންސިލުން މާވަށުގެ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އާންމުންގެ ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވައިލީ މިދިޔަ ހޮނިހިރު ދުވަހު މާވަށު ކައުންސިލުން އާންމު ކުރި އިޢުލާނަކުންނެވެ.  މި އިޢުލާނުގައިވާ ގޮތުން  މާވަށު ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް ޚިޔާލު ހުށަހެޅެނީ އެ ކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ފޯމަކުންނެވެ.

މި ފޯމުގައި، ޚިޔާލު ހުށަހަޅާ ފަރާތުގެ މަޢުލޫމާތުގެ އިތުރުން ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް ގެންނަން ބޭނުންވާ ބަދަލު ބަޔާން ކުރުމަށް ޚާއްޞަކޮށްފައިވާ ބައެއްވެއެވެ.

މާވަށު ބަނދަރު ބެލެހެއްޓުމުގެ  އުޞޫލުގައިވާ ގޮތުން،  މުދާ އަރުވާ ބޭލުމަށް ބަނދަރު ތޮށިގަނޑުގެ ދިގަށް ވާ ގޮތަށް އުޅަނދު ބޭއްވެނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. އަދި އެއް ވެސް ފީއެއް ނުނަގާ ގޮތަށް މި ގޮތަށް އުޅަނދު ބޭއްވޭނީ އެންމެ ގިނަ ވެގެން 48 ގަޑިއިރު ކަމަށާއި، 48 ގަޑި އިރަށް ވުރެ އިތުރަށް އުޅަނދު ބާއްވާ ނަމަ ފީ ނަގާނެ ކަމަށާއި ފީގެ ގޮތުގައި ނަގާނެ އަދަދު ވެސް މި އުޞޫލުގައި ބަޔާން ކޮށްފައިވެއެވެ. އެ ގޮތުން 69 ފޫޓަށްވުރެ ކުރު އުޅަނދު ފަހަރުން ގަޑި އިރަކަށް 8 ރުފިޔާ، 70 ފޫޓާއި 199 ފޫޓާ ދެމެދުގެ އުޅަނދު ފަހަރުން ގަޑި އިރަކަށް 12 ރުފިޔާ އަދި 120 ފޫޓަށް ވުރެ ދިގު އުޅަނދު ފަހަރުން ގަޑި އިރަކަށް 16 ރުފިޔާ ނަގާނެ ކަމަށް ވެސް އެ އުޞޫލުގައި ވެއެވެ.

ބަނދަރު ސަރަޙައްދުގައި ކުރުން މަނާ  ކަންތައްތަކުގެ ތެރޭގައި ސިމެންތިއާއި ކާޑުގެ ބާވަތްތައް ފަދަ ގޯނީގައި ބަންދުކޮށްފައި ހުންނަ ތަކެތި ބަނދަރުގެ ދުވާރު މަތީ ބެހެއްޓުމާއި، ބަނދަރުގައި ކުލަ އާާއިދަވާދު ލުމާއި، ގޮނޑި މޭޒާއި ކުޑަޖެހުން ހިމެނެއެވެ.

އަދި އެއްގަމަށް ލޮތާރި އެޅުމާއި، ބަނދަރު ތެރެއަށް ކުނި އެޅުމާއި، ބަނދަރު ސަރަޙައްދު ތެރޭގައި ދިރޭ މަސް ގެންގުޅުމާއި  ބަނދަރު ތެރެއަށް މޫދަށް އެރުމާއި ، ފަޅުތެރޭގައި ގަޑިއަކު ހަތަރު ނޯޓިކަލް މޭލަށްވުރެ ބާރަށް އުޅަނދުފަހަރު ދުއްވުމަކީ ވެސް މަނާ  ކަމެއް ކަމުގައި އެ އުޞޫލުގައި ބަޔާން ކޮށްފައިވެއެވެ.
އަދި މި އުޞޫލުގައިވާ ކަންކަމާއި ޚިލާފު ވެއްޖެ ނަމަ 500 ރުފިޔާ އާއި 5000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އުޞޫލުގައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިން ދަތުރު ކުރާ އުޅަނދުތައް ބަނދަރުގައި އޮންނަ އިރު ކޮންމެ 24 ގަޑިއިރަކަށް 50 އެމެރިކާ ޑޮލަރު ނަގާނެ ކަމަށް ވެސް އެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

އަދި ބަނދަރު ތެރެއަށް ފެތޭ އުޅަނދުފަހަރާއި  އެއްވެސް ސަބަބެއް ނެތި  ބަނދަރުގައި  އަޅާފައި ހުންނަ އުޅަނދުފަހަރާއި މެދު ޢަމަލު ކުރާނެ ގޮތް ވެސް އުޞޫލުގައި ބަޔާންކޮށްފައި ވެއެވެ.

މި އުސޫލާއެކު އާންމު ކުރި މާވަށު ބަނދަރުގެ ކުރެހުމުގައިވާ ގޮތުން ބަނދަރުގެ އެކި ސަރަޙައްދުތައް ވަނީ އެކި ކަންކަމަށް ކަނޑައަޅާފައެވެ. އެގޮތުން ދޯނި ފެރީ އާއި މާލެ ދަތުރުކުރާ ދޯނި ފަހަރާއި މަސް ދޯނިތަކާއި ލޯންޗު އަދި ޑިންގީއަށް ވަކިވަކި ސަރަޙައްދު  ބަނދަރުގައި ކަނޑައަޅާފައިވެއެވެ. އަދި މީގެއިތުރުން މުދާ ބޭލުމާއި މަސް ބޭލުމަށް އަދި ސްޕޯޯޓްސް ފިޝިންގ އަށް ވެސް ވަނީ ސަރަޙައްދުތަކެއް ކަނޑައަޅާފައެވެ.

މާވަށު ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments