ހިތަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީ ކުރަނީ

ލ. ހިތަދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މިހާރު ވާނީ ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިކަމަށް މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މިނިސްޓާ މިހެން ވިދާޅުވީ، ހިތަދޫގައި ކުރިޔަށް ގެންދިޔަ އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހިތަދޫގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާ ވިދާޅުވީ، ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލު ކުރެވިފައިވާ ކަމަށާއި، މިވަގުތު ކައުންސިލުން ދަނީ ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ކައުންސިލުން ބިން ހަވާލުކުރިހާ އަވަހަކަށް، އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓާ ވިދާޅުވި އެވެ.
މިނިސްޓާ ވަނީ ހިތަދޫގެ ޒުވާނުން ދެކެމުން އައި ހުވަފެންތަކަށް އުއްމީދީ ޖަވާބެއް ދެއްވާފަ އެވެ. އެގޮތުން، ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް، އަންނަ އަހަރުގެ ބަޖެޓުން ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓާ ވިދާޅުވި އެވެ. އަދި ވޮލީކޯޓުގެ މަސައްކަތްވެސް އަންނަ އަހަރު ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
ރޭގެ ފައިނަލް މެޗަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓާ އިތުރަށް ވިދާޅުވީ، މިފަދަ މުބާރަތްތަކުގެ މައިގަނޑު ބޭނުމަކީ ކުޅިވަރުގެ ތެރެއިން ރިވެތި އާދަތައް ދަސްކޮށްދިނުން ކަމަށެވެ. އަދި ސްކޫލް ކުޅިވަރުގެ ތެރެއިންނާއި ރަށްރަށުގެ ޒުވާނުންގެ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ރިވެތި އަޚުލާގު ދަސްވާ ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން، ކުޅިވަރުގެ ރޫހާ އެއްގޮތަށް މުބާރާތް ނިންމާލި ކަމަށްޓަކައި މިނިސްޓާ ވަނީ ހުރިހައި ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖަކީ މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ހިތަދޫގައި ކުރިޔަށް ގެންދިޔަ ފުޓްސަލް މުބާރާތެކެވެ. ފައިނަލުގައި ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ) އިންނެވެ.