ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި އެމްއެންޔޫ ގަމު ކެމްޕަހުގައި ޤާއިމުކުރެވިފައިވާ އަހުރަ ގޮފި ގުޅިގެން ކުރިޔަށްގެންދާ ”ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024“ ގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސައިފި އެވެ.
މި މުބާރާތަކީ ލ.އަތޮޅުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާއި ކްލަބްތަކަށް ހުޅުވާލައިގެން ލ.އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އެއް ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން އެމް.އެން.ޔޫ.އެސް.ޔޫގެ ފަރަތުން ވަނީ 2017، 2018 އަދި 2019 ވަނަ އަހަރު ކަމިޔާބުކަމާއެކު މި މުބާރާތް ނިންމާލާފަ އެވެ. ކޮވިޑް-19ގެ ޢާލަމީ ވަބާގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކު ވޭތުވެދިޔަ ހަތަރު އަހަރު މި މުބާރާތް ބޭއްވިފައެއް ނުވެއެވެ.
މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 31 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހު 7 ވަނަ ދުވަހު އެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ޖުމްލަ ހަތް ޓީމު ބައިވެރިވެފައިވާއިރު، ފިރިހެން ޑިވިޝަނުގައި ހަތަރު ޓީމު ވާދަކުރާނެ އެވެ. އަންހެން ޑިވިޝަނުގައި ހިމެނެނީ އެސޯސިއޭޝަން ފޯ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް (އަމިގޯސް)، ގަމު ރީޖަނަލް ހޮސްޕިޓަލް، ކަލައިދޫ ޑަބްލިޔު.ޑީ.ސީ، ކްލަބް މާބައިދޫ، އައުޓްރީފް ސްޕޯޓްސް ކްލަބް، ގޯޅި ސްޕޯޓްސް ކްލަބް އަދި ގަމު ޑަބްލިޔު.ޑީ.ސީ އެވެ. ފިރިހެން ޑިވިޝަނުގައި ހިމެނެނީ ކައްދޫ އެއަރޕޯޓް، ވައްޓަފާޅި ސްޕޯޓްސް ކްލަބް، ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ގޯޅިއަންސް އެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ޓީމުތައް ބަހާލެވިފައިވަނީ ދެ ގުރޫޕަކަށެވެ. އެގޮތުން، ގުރޫޕު ”އޭ“ ގައި ހަތަރު ޓީމު ހިމެނޭއިރު ގުރޫޕު ”ބީ“ ގައި ހިމެނެނީ ތިން ޓީމެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީ އަށް ދަތުރުކުރާނެ އެވެ.
ފުރަތަމަ ބުރުގައި ފިރިހެން ޑިވިޝަނުގެ ހަތަރު ޓީމު ކުޅޭނީ ލީގު އުސޫލުންނެވެ. އެޔަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލުގެ ފަހު ޖާގަ ހޯދުމަށް، ދެވަނަ އާއި ތިންވަނަ އަށް ދާ ދެ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސާފައިވާއިރު ޓައިޓަލް ސްޕޯންސަރަކީ ހައްދުންމަތީ ގަމު ކައުންސިލެވެ. އަދި ކޯ ސްޕޯންސަރަކީ އަބްދުއް ރަހީމް ފައުންޑޭޝަނެވެ. މުބާރާތުގެ އެހެނިހެން ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ، ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ސްޓާ)، އުރްމީ ފިޓް، މޯލްޑިވިއަން، ކެޕްޓަން މޯލްޑިވްސް، އިންކްޑް މޯލްޑިވްސް، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ގަމު ރީޖަނަލް ހޮސްޕިޓަލް އެވެ.