ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި އެމްއެންޔޫ ގަމު ކެމްޕަހުގައި ޤާއިމުކުރެވިފައިވާ އަހުރަ ގޮފި ގުޅިގެން ކުރިޔަށްގެންދާ ”ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024“ ގެ ގުރު ނަގައިފި އެވެ.
މުބާރާތުގެ ގުރު ނަގާފައިވަނީ އެކަމަށް ޚާއްޞަކޮށް، މިއަދު މެންދުރު އެމްއެންޔޫ ގަމު ކެމްޕަހުގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ. މިއަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަނުގައި ޖުމްލަ ހަތް ޓީމު ވާދަކުރާއިރު، ފިރިހެން ޑިވިޝަނުގައި ހަތަރު ޓީމު ވާދަކުރާނެ އެވެ.
އަންހެން ޑިވިޝަނުގެ ގުރޫޕު ”އޭ“ ގައި ހިމެނެނީ އެސޯސިއޭޝަން ފޯ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް (އަމިގޯސް)، ގަމު ރީޖަނަލް ހޮސްޕިޓަލް، އައުޓްރީފް ސްޕޯޓްސް ކްލަބް އަދި ގޯޅި ސްޕޯޓްސް ކްލަބެވެ. ގުރޫޕު ”ބީ“ ގައި ހިމެނެނީ ކަލައިދޫ ޑަބްލިޔު.ޑީ.ސީ، ކްލަބް މާބައިދޫ އަދި ގަމު ޑަބްލިޔު.ޑީ.ސީ އެވެ.
ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީ އަށް ދަތުރުކުރާނެ އެވެ. ސެމީ ގައި ގުރޫޕު ”އޭ“ ގެ އެއްވަނަ ބައްދަލުކުރާނީ ”ބީ“ ގެ ދެވަނަ ޓީމާއެވެ. އަދި ”ބީ“ ގެ އެއްވަނަ ނިކުންނާނީ ”އޭ“ ގެ ދެވަނަ ޓީމާ ދެކޮޅަށެވެ.
ފިރިހެން ޑިވިޝަނުގައި ހިމެނެނީ ކައްދޫ އެއަރޕޯޓް، ވައްޓަފާޅި ސްޕޯޓްސް ކްލަބް، ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ގޯޅިއަންސް އެވެ. ފުރަތަމަ ބުރުގައި ފިރިހެން ޑިވިޝަނުގެ ހަތަރު ޓީމު ކުޅޭނީ ލީގު އުސޫލުންނެވެ. އެޔަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލުގެ ފަހު ޖާގަ ހޯދުމަށް، ދެވަނަ އާއި ތިންވަނަ އަށް ދާ ދެ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެ އެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަނުގެ ގޯޅި އެސްސީ އާއި އަމިގޯސް އެވެ. އަދި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުރިޔަށްދާނީ ހޮނިހިރު ދުވަހުގެރޭގަ އެވެ. މި ރަސްމިއްޔާތަށްފަހު، ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗާއި، އަންހެން ޑިވިޝަނުގެ ދެވަނަ މެޗު ކުރިޔަށްދާނެ އެވެ.
މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއް، އަދި ރަނަރަޕް ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޯންސަރަކީ ހައްދުންމަތީ ގަމު ކައުންސިލެވެ. އަދި ކޯ ސްޕޯންސަރަކީ އަބްދުއް ރަހީމް ފައުންޑޭޝަނެވެ. މީޑިއާ ޕާޓްނަރަކީ ލާމު އެމްވީ އެވެ. މުބާރާތުގެ އެހެނިހެން ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ، ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ސްޓާ)، އުރްމީ ފިޓް، މޯލްޑިވިއަން، ކެޕްޓަން މޯލްޑިވްސް، ލެޒިޒް، ވިލަރެސް ގެސްޓްހައުސް، ދިރާގު، އިންކްޑް މޯލްޑިވްސް، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ގަމު ރީޖަނަލް ހޮސްޕިޓަލް އެވެ.