އަހުރަ ހޭންޑްބޯޅަ މުބާރާތް ފަށައިފި، ފުރަތަމަ މެޗުން އަމިގޯސް މޮޅު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި އެމްއެންޔޫ ގަމު ކެމްޕަހުގައި ޤާއިމުކުރެވިފައިވާ އަހުރަ ގޮފި ގުޅިގެން ކުރިޔަށްގެންދާ ”ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024“ މިއަދު ހަވީރު ފެށިއިރު، މުބާރާތުގެ ފުރަތަމަ މޮޅު، އަމިގޯސް އިން ހޯދައިފިއެވެ.
މިއަދު ހަވީރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަމިގޯސް އާއި ގޯޅި ސްޕޯޓްސް ކްލަބެވެ. އަމިގޯސް އިން މި މެޗު ކާމިޔާބުކުރީ 10-4 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، އަމިގޯސް އިން ވަނީ 4-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
ދެވަނަ ހާފު ފެށިގެން، އަމިގޯސް އިން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް، ލީޑު ފުޅާކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، އަމިގޯސްގެ އާއިޝަތު ލިވާ އިބްރާހިމް ވަނީ ހަ ލަނޑު ޖަހާފައެވެ. މީގެއިތުރުން އެ ޓީމުގެ މާޝާ މުހައްމަދު ދެ ލަނޑު ޖަހާފައިވާއިރު، އާއިޝަތު ސަނާ އާއި މަރިޔަމް ލައިޝާ އިނާޒް ވަނީ ލަނޑު ޖަހާފައެވެ.
ގޯޅި ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ހައްވާ ޝަމްވީލާ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ހައްވާ ޒާހިރާ އާއި މަރިޔަމް އާފިޔާ އެވެ.
އަމިގޯސް އާއި ގޯޅިގެ އިތުރުން ގުރޫޕު ”އޭ“ ގައި ހިމެނެނީ އައުޓްރީފް ސްޕޯޓްސް ކްލަބާއި ގަމު ރީޖަނަލް ހޮސްޕިޓަލެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 22:15 ގައެވެ.