ޖީއާރުއެޗް އަތުން އައުޓްރީފަށް އުނދަގު މޮޅެއް

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި ރޭ ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) އަތުން އައުޓްރީފް ސްޕޯޓްސް ކްލަބުން އުނދަގު މޮޅެއް ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އިއްޔެ ހަވީރު، އަމިގޯސް އިން ވަނީ ގޯޅި ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ.
ރޭ މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗުން އައުޓްރީފް މޮޅުވީ 20-17 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެ ޓީމު ވަނީ 8-8 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ.
ދެވަނަ ހާފު ފެށިގެން، ޖީއާރުއެޗުން ވެސް ވަނީ ލީޑުގައި ކުޅެފައެވެ. ނަމަވެސް، ތިން ލަނޑުގެ ފަރަގަކުން މެޗު ކާމިޔާބުކޮށްފައިވަނީ އައުޓްރީފުންނެވެ.
އައުޓްރީފުން ޖެހި 20 ލަނޑުގެ ތެރެއިން 13 ލަނޑު ޖަހާފައިވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާ، ފާތިމަތު ޖުނާ އެވެ. މީގެއިތުރުން، އެ ޓީމުގެ އާމިނަތު ޝުދާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި ފާތިމަތު ޒީކް އަބްދުލް މުހުސިން ދެ ލަނޑު ޖަހާފައިވާއިރު، ތޫބާ ބިންތް އަހުމަދު ވަނީ ލަނޑެއް ޖަހާފައެވެ.
ޖީއާރުއެޗުގެ އާމިނަތު ލިއުޝާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މީގެއިތުރުން، މަރިޔަމް ޝިފްނާ، ފާތިމަތު މަޒިއްޔާ އަދި އާމިނަތު އައިނާޝް އިންކުރެ ކޮންމެ ކުޅުންތެރިއެއް ތިން ލަނޑު ޖަހާފައިވާއިރު އާމިނަތު ސަނާ އާއި މަރިޔަމް ޝިޒާނާ ވަނީ ދެ ލަނޑު ޖަހާފައެވެ.
މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ގުރޫޕު ”ބީ“ ގެ ކަލައިދޫ ޑަބްލިޔުޑީސީ އާއި ކްލަބް މާބައިދޫ އެވެ.