މާބައިދޫ އާއި ކަލައިދޫ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި މިއަދު ހަވީރު ކްލަބް މާބައިދޫ އާއި ކަލައިދޫ ޑަބްލިޔުޑީސީ ބައްދަލުކުރި މެޗު އެއްވަރުވެ، ދެ ޓީމު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
މަތިމަރަދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވީ 8-8 ގެ ނަތީޖާއަކުންނެވެ. މިއީ ގުރޫޕު ”ބީ“ ގެ ފުރަތަމަ މެޗެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ގަމު ޑަބްލިޔުޑީސީ އެވެ.
މެޗު ފެށުނީއްސުރެ ދެ ޓީމުގެ ފަރާތުން ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން، ފުރަތަމަ ހާފު ނިމުނުއިރު، ދެ ޓީމު ވަނީ 5-5 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، މާބައިދޫ ޓީމުގެ އާމިނަތު ހިލްޔާ ހިލްމީ ވަނީ ހަ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ފާތިމަތު ނުހާ އާއި މަރިޔަމް މައާލް އަލީ އެވެ.
ކަލައިދޫ ޓީމުގެ ފާތިމަތު ހައްސާނާ ތިން ލަނޑު ޖަހާފައިވާއިރު، ރުގިއްޔާ ސިތާރާ ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ ފާތިމަތު ރީނާ އާއި އާސިމާ މޫސާ އަދި އާމިނަތު ޝަޒުލާ އެވެ.
މި ގުރޫޕުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މާބައިދޫ އާއި ގަމު ޑަބްލިޔުޑީސީ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:00 ގައެވެ.