އަމިގޯސް ބަލިކޮށް އައުޓްރީފް ސެމީ އަށް

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި އަމިގޯސް ބަލިކޮށް، އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ، އައުޓްރީފް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
އައުޓްރީފުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 20-17 ގެ ނަތީޖާއަކުން ގަމު ރީޖަނަލް ހޮސްޕިޓަލް ބަލިކޮށްފައެވެ. ރޭ އައުޓްރީފުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ 23-11 ގެ ނަތީޖާއަކުން އަމިގޯސް ބަލިކުރުމަށްފަހުއެވެ.
މެޗުގެ ކުރީކޮޅު އަމިގޯސް އިންވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ. ނަމަވެސް، އައުޓްރީފުން ވަނީ މަޑުމަޑުން ލީޑު ފުޅާކޮށް، މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ފުރަތަމަ ހާފު ނިމުނުއިރު، 14-7 ގެ ނަތީޖާއަކުން ކުރިހޯދާފައިވަނީ އައުޓްރީފުންނެވެ.
ދެވަނަ ހާފު ފެށިގެންވެސް، އައުޓްރީފުން ކުޅުނީ އިތުރު ލަނޑު ތަކެއް ޖަހައި، ލީޑު ފުޅާކުރުމަށެވެ. އެގޮތުން، ދެވަނަ ހާފުގައި އައުޓްރީފުން ނުވަ ލަނޑު ޖަހާފައިވާއިރު، އަމިގޯސް އަށް ޖެހުނީ ހަތަރު ލަނޑެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، އައުޓްރީފްގެ ފާތިމަތު ޖުނާ ވަނީ މި މެޗުގައި 12 ލަނޑު ޖަހާފައެވެ. އައުޓްރީފުން ކުޅުނު ފުރަތަމަ މެޗުގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖުނާ އެވެ. އޭނާ ވަނީ ދެ މެޗުން ޖުމްލަ 25 ލަނޑު ޖަހާފައެވެ.
އަމިގޯސް އާ ދެކޮޅަށް އައުޓްރީފްގެ އާމިނަތު ރާއިދާ ހަތަރު ލަނޑު ޖަހާފައިވާއިރު، އާމިނަތު ސާއީ އަލީ ޝަމީމް ވަނީ ތިން ލަނޑު ޖަހާފައެވެ. މީގެއިތުރުން، ފާތިމަތު ޒީކް އަބްދުލް މުހުސިން ދެ ލަނޑު ޖަހާފައިވާއިރު، ފާތިމަތު ސަމާހަތު އާއި ތޫބާ ބިންތި އަހުމަދު ވަނީ ލަނޑު ޖަހާފައެވެ.
އަމިގޯސް އިން ޖެހި 11 ލަނޑުގެ ތެރެއިން ފަސް ލަނޑު ޖަހާފައިވަނީ އާއިޝަތު ލިވާ އިބްރާހިމް އެވެ. އަދި މަރިޔަމް ލައިޝާ އިނާޒް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ އާއިޝަތު ސަނާ އާއި އާއިޝަތު ޝައިހާ ވަހީދެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، އަންގާރަ ދުވަހު އައުޓްރީފް ނިކުންނާނީ ގޯޅި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.