އެމް.އެން.ޔޫ ފަހި ފުރުޞަތު، ޖޮބް ފެސްޓިވަލް ލ.ގަމުގައި ފެށިގެން ކުރިއަށް ދަނީ

އެމް.އެން.ޔޫ އިން މި މަހު 9 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ، އެމް.އެން.ޔޫ ފަހި ފުރުޞަތު ޖޮބް ފެސްޓިވަލް، އެމް.އެން.ޔޫ ގަމު ކެމްޕަހުން ވެސް ކުރިއަށް އެބަ ގެންދެއެވެ. 9 ނޮވެމްބަރ 2022 ވަނަ 16:00 ގައި ފެށުނު މި ފެސްޓިވަލް ހުޅުވައިދެއްވީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ އެވެ.

މި ފެސްޓިވަލްގައި ލާމު އަތޮޅުގެ ޖުމްލަ 12 މުވައްސަސާއަކުން ބައިވެރިވިއެވެ. މި މުވައްސަސާތަކުގެ ތެރޭގައި ލ.އަތޮޅު ކައުންސިލްގެ އިދާރާ، ލ.ގަމު ކައުންސިލްގެ އިދާރާ، އެމް.އެން.ޔޫ ގަން ކެމްޕަސް، ގަމު ރީޖަނަލް ހޮސްޕިޓަލް، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ، މޯލްޑިވްސް ޕޮލިސް ސަރވިސް – ގަން ޕޮލިސް ސްޓޭޝަން، ސިކްސް ސެންސަސް ލާމު، ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސް، ކައްދޫ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ރޯޑް ޑިވޮލޮޕްމަންޓު ކޯޕަރޭޝަން، ބުލޫ ބުރިޖު އަދި ސާލިހާ ސުޓޫޑިއޯ ހިމެނެއެވެ. މި މުވައްސަސާތަކުން ޢާންމުންނަށް ލިބެން ހުރި ވަޒީފާގެ ފުރުޞަތުތަކާއި ސްކޮލަރޝިޕްތަކާއި ގުޅޭ މަޢުލޫމާތު ދިނުން، މި ފެސްޓިވަލްގައި އޮންނާނެއެވެ. އަދި ބައެއް މުވައްސަސާތަކުގެ ސްޓޯލްތަކުން، އަސްލާއި އެއްގޮތް ކަމަށް ތައްގަނޑު ޖަހައި ދިނުމުގެ ޚިދުމަތް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީފާގައި ކުރިއަށް ދާނެ ދާއިރާ ޚިޔާރު ކުރުމަށާއި، ވަޒީފާ ބޭނުންވެފައި ތިބި ފަރާތްތަކަށް މި ފެސްޓިވަލްގެ މެދުވެރިކޮށް ގިނަ މަޢުލޫމާތު ތަކެއް ލިބިގެން ދާނެއެވެ. މި ފެސްޓިވަލް މިއަދު ވެސް ހަވީރު 4އިން ރޭގަނޑު 10 އަށް ލ.ގަމު ޔޫތު ސެންޓަރުގައި ކުރިއަށް ދާނެ ކަމަށް އެމް.އެން.ޔޫ ގަން ކެމްޕަހުން މަޢުލޫމާތު ދެއެވެ.