އަމިގޯސް ކަޓުވާލައި، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖީއާރުއެޗަށް

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި އަމިގޯސް ބަލިކޮށް، ގުރޫޕު ”އޭ“ އިން ސެމީ ފައިނަލުގެ ދެވަނަ ޖާގަ، ގަމު ރީޖަނަލް ހޮސްޕިޓަލުން ހޯދައިފި އެވެ.
މި ގުރޫޕުގައި ހިމެނޭ އައުޓްރީފް ސްޕޯޓްސް ކްލަބުން ވަނީ ރޭ ކުޅުނު މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. މިއަދު ހަވީރު ޖީއާރުއެޗުން 29-4 ގެ ނަތީޖާއަކުން އަމިގޯސް ބަލިކޮށް ސެމީ އަށް ދަތުރުކޮށްފައިވާއިރު، އަމިގޯސް އާއި ގޯޅި ސްޕޯޓްސް ކްލަބް ވަނީ މުބާރާތުން ކަޓާފަ އެވެ. މި ގުރޫޕުގެ އެއްވަނަ ކަށަވަރުވާނީ، އައުޓްރީފާއި ގޯޅި ބައްދަލުކުރާ މެޗަށް ފަހުއެވެ.
މިއަދު ހަވީރު މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު ޖީއާރުއެޗުން ވަނީ ބޮޑު ލީޑެއް ނަގާފަ އެވެ. އަމިގޯސް އިން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، ޖީއާރުއެޗުގެ ކީޕަރު، އިރުޝާދާ މުހައްމަދު ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުނުއިރު، 14-1 ގެ ނަތީޖާއަކުން ކުރިހޯދާފައިވަނީ ޖީއާރުއެޗުންނެވެ.
ދެވަނަ ހާފު ފެށިގެން، ދެ ޓީމުންވެސް ވަނީ ގިނަ ބަދަލުތަކެއްކޮށް، ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. މި ހާފުގައި ޖީއާރުއެޗުން 15 ލަނޑު ޖަހާފައިވާއިރު، އަމިގޯސް އަށް ޖެހުނީ ތިން ލަނޑެވެ.
މި މެޗުގައި ޖީއާރުއެޗުގެ ޒުވާން ކުޅުންތެރިޔާ، އާމިނަތު އައިނާޝް ވަނީ 10 ލަނޑު ޖަހާފަ އެވެ. މީގެއިތުރުން، މަރިޔަމް ޝިޒާނާ ފަސް ލަނޑު ޖަހާފައިވާއިރު، މަރިޔަމް ޝިފްނާ، ފާތިމަތު މަޒިއްޔާ، އާމިނަތު ހުސައިން އަދި ހައްވާ ޝާއިގާ އިންކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ ތިން ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ އާމިނަތު ލިއުޝާ އާއި އާއިޝަތު ސަނާ އެވެ.
އަމިގޯސްގެ ކެޕްޓަން އާއިޝަތު ލިވާ އިބްރާހިމް އާއި މަރިޔަމް ލައިޝާ އިނާޒް ވަނީ ދެ ލަނޑު ޖަހާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީއާރުއެޗުގެ ކީޕަރު، އިރުޝާދާ އެވެ.
މި ގުރޫޕުގެ ފަހު މެޗުގައި ބައްދަލުކުރާނީ އައުޓްރީފާއި ގޯޅި އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:00 ގައެވެ.