ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ގަމު ޑަބްލިޔުޑީސީން ސެމީގެ ޖާގަ ކަށަވަރުކޮށްފި

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ގަމު ޑަބްލިޔުޑީސީން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ގުރޫޕު ”ބީ“ ގެ ކްލަބް މާބައިދޫ އާއި ކަލައިދޫ ޑަބްލިޔުޑީސީ ބައްދަލުކުރި މެޗު ނިމުނީ 8-8 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ. ގަމު ޑަބްލިޔުޑީސީން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭ 16-8 ގެ ނަތީޖާއަކުން ކްލަބް މާބައިދޫ ބަލިކުރުމަށްފަހު އެވެ.
ގަމު ޑަބްލިޔުޑީސީ އަށް ތިން ޕޮއިންޓު ލިބިފައިވާއިރު، އަނެއް ދެ ޓީމަށް ލިބުނީ އެއް ޕޮއިންޓެވެ. ތިން ޓީމު ހިމެނޭ މި ގުރޫޕުގެ ދެވަނަ ކަށަވަރުވާނީ ގަމު ޑަބްލިޔުޑީސީ އާއި ކަލައިދޫ ޑަބްލިޔުޑީސީ ބައްދަލުކުރާ މެޗަށްފަހު އެވެ.
ރޭ މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗު ފެށިގެން، ގަމު ޑަބްލިޔުޑީސީން ވަނީ ކުރިހޯދާފަ އެވެ. ކްލަބް މާބައިދޫން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިނަމަވެސް، ގަމު ޑަބްލިޔުޑީސީގެ ކީޕަރު، އާމިނަތު އާޔާ އަޝްރަފް ވަނީ ގިނަ ހަމަލާތައް ހުއްޓުވާފަ އެވެ. ފުރަތަމަ ހާފު ނިމުނުއިރު ގަމު ޑަބްލިޔުޑީސީން ކުރިހޯދާފައިވަނީ 6-3 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފު ފެށިގެން، ގަމު ޑަބްލިޔުޑީސީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމުން ޖެހި 16 ލަނޑުގެ ތެރެއިން ހަތް ލަނޑު ޖަހާފައިވަނީ އާމިނަތު އިބާ އިބްރާހިމް އެވެ. މީގެއިތުރުން، އާއިޝަތު ޒައިކާ ހަތަރު ލަނޑު ޖަހާފައިވާއިރު، މަރިޔަމް މިޝްގާ މޫސާ ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ އާއިޝަތު ޝަހާ ޝަރީފް، އާއިޝަތު އައިނާ ހުސައިން އަދި އައިކާ އަބްދުލް ވައްހާބެވެ.
މި މެޗުގައި ކްލަބް މާބައިދޫގެ އާމިނަތު ހިލްޔާ ހިލްމީ ވަނީ ފަސް ލަނޑު ޖަހާފަ އެވެ. އަދި ފާތިމަތު ނުހާ ދެ ލަނޑު ޖަހާފައިވާއިރު، މަރިޔަމް މައާލް އަލީ ވަނީ ލަނޑެއް ޖަހާފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، ގަމު ޑަބްލިޔުޑީސީގެ ކީޕަރު، އާޔާ އެވެ.