ވައްޓަފާޅި ބަލިކޮށް، ކޭއޭސީއެލްގެ ވަރުގަދަ ފެށުން ކުރިޔަށް

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (ކޭއޭސީއެލް) އިން ތަފާތު ބޮޑު ނަތީޖާއަކުން ވައްޓަފާޅި ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މި މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ކޭއޭސީއެލް އިންނެވެ. އަދި އެންމެ ތަފާތު ބޮޑު ނަތީޖާ ނެރެފައިވަނީވެސް އެ ޓީމުންނެވެ. ކޭއޭސީއެލް އިން ކުޅުނު ފުރަތަމަ މެޗުގައި ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) ގެ މައްޗަށް ކުރިހޯދީ 33-18 ގެ ނަތީޖާއަކުންނެވެ. ރޭ ވައްޓަފާޅި ކައިރިން މޮޅުވީ 35-18 އިންނެވެ.

ރޭ މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗު ފެށުނީއްސުރެ، ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެފައިވަނީ ކޭއޭސީއެލް އިންނެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 19-9 ގެ ނަތީޖާއަކުން ކުރިހޯދައިގެނެވެ. އަދި ދެވަނަ ހާފުގައި އެ ޓީމުން ވަނީ އިތުރަށް ލީޑު ފުޅާކޮށްފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ކޭއޭސީއެލްގެ އަހުމަދު ނަޖީބު (ޑަންކު) ވަނީ 14 ލަނޑު ޖަހާފަ އެވެ. އަދި މުހައްމަދު މަހުދީ ހަތް ލަނޑު ޖަހާފައިވާއިރު އިބްރާހިމް ހައިޝަމް އަބްދުﷲ ވަނީ ހަ ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް އަށް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ އަލީ ރުޚްޝާން އެވެ. މީގެއިތުރުން، ހުސައިން އަބްދުލް މަޖީދު ތިން ލަނޑު ޖަހާފައިވާއިރު، އަބްދުލް މަތީން އަލީ (މައްޗޭ) ވަނީ ލަނޑެއް ޖަހާފަ އެވެ.

ވައްޓަފާޅިގެ އަލީ އީމާން ހަމީދު ވަނީ އަށް ލަނޑު ޖަހާފަ އެވެ. އަދި ފިރުޝާން މުހައްމަދު ތިން ލަނޑު ޖަހާފައިވާއިރު، އިސްމާއިލް ފާރިޝް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ފަސް ލަނޑު ކާމިޔާބުކުރީ، މޫސާ ހައިޝަމް، މުހައްމަދު ވިޝާމް، އަބްދުﷲ ހައިކަލް، މުހައްމަދު މުއާޒް އަދި އަހުމަދު ތަހުސީން ސޯދިގެވެ.

ފުރަތަމަ ބުރުގެ ފަހު މެޗުގައި ކޭއޭސީއެލް ނިކުންނާނީ ގޯޅިއަންސް އާ ދެކޮޅަ ށެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ވައްޓަފާޅި އާއި ޖީއާރުއެޗް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments