ޖީއާރުއެޗް އަތުން ގޯޅިއަންސް އަށް މުހިންމު މޮޅެއް

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) އަތުން ގޯޅިއަންސް އިން މުހިންމު މޮޅެއް ހޯދައިފި އެވެ.
ގޯޅިއަންސް އާއި ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (ކޭއޭސީއެލް) އިން ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު، ޖީއާރުއެޗާއި ވައްޓަފާޅި ވަނީ ދެ މެޗުން ބަލިވެފަ އެވެ. މިއާއެކު، ފުރަތަމަ ބުރުން ކަޓާނީ ޖީއާރުއެޗާއި ވައްޓަފާޅި ބައްދަލުކުރާ މެޗުން ބަލިވާ ޓީމެކެވެ. އަދި ގޯޅިއަންސް އާއި ކޭއޭސީއެލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ.
ރޭ މަތިމަރަދޫ ދަނޑުގައި ކުޅެވުނު މެޗަކީ މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އެންމެ ވާދަވެރި މެޗެވެ. މި މެޗުން ގޯޅިއަންސް އިން ކުރިހޯދާފައިވަނީ 25-20 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ގޯޅިއަންސްގެ ރާއިދު ރަޝީދު ވަނީ އަށް ލަނޑު ޖަހާފަ އެވެ. އަދި އެ ޓީމުގެ އަހުމަދު އަތީފް ވަނީ ހަ ލަނޑު ޖަހާފަ އެވެ. މީގެއިތުރުން، އަހުމަދު ހަލީމް (އައްމަޑޭ) ހަތަރު ލަނޑު ޖަހާފައިވާއިރު، ޝިޔާން ޝާފިއު (އެޓޫ)، އަލީ އަޖުމަލް (އަޖޭ) އަދި އަހުމަދު ނާސިފް އިންކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަދި މުއާން އިބްރާހިމް ވަނީ އެއް ލަނޑު ޖަހާފަ އެވެ.
ޖީއާރުއެޗުގެ ޒޭދު މުހައްމަދު ތައުފީގު ފަސް ލަނޑު ޖަހާފައިވާއިރު، ފަހުދު އަދުނާން (ފަހުއްޓޭ) އާއި ހަސަން ޒައިދު (ޒޯރޯ) ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. އަދި އަލީ ޔޫސުފް (އައިޑީ) ތިން ލަނޑު ކާމިޔާބުކުރިއިރު، މުހައްމަދު ރަޝީދު (ޓޭޓު) ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ހަސަން ފަރީދު އާއި ލިވާން އަނީސް އަލީ (ލީކޮ) އެވެ.
މި މެޗަށްފަހު ހިނގި ހަމަނުޖެހުމަކާ ގުޅިގެން ޖީއާރުއެޗުގެ ޒޯރޯ އަށް ވަނީ ނޫ ކާޑު ދައްކައި، މުބާރާތުން ސަސްޕެންޑް ކޮށްފަ އެވެ.